އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 8000 މީހަކަށް އަލުން ރީ ރެޖިސްޓާ ވުމަށް ފަހު ފުރުސަތު ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
މިމަހުގެ 11 ވަނަ ދުވަހު ރީ ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވިއިރު 26750 މީހަކު ވަނީ ވޯޓުލުމަށް ރީ ރެޖިސްޓާ ވެފަ އެވެ.
ރީ ރެޖިސްޓާ ވުމަށް 8000 މީހަކަށް އަލުން ފުރުސަތު ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ، އެ މީހުން ރީ ރެޖިސްޓާރ ވެފައިވާ ފޮއްޓަށް އެ ދާއިރާގެ އެހެން މީހަކު ވޯޓު ލުމަށް ރެޖިސްޓާ ވެފައި ނުވާތީ އެވެ. މާނައަކީ އެއް ދާއިރާގެ އަކަކު އެއް ވޯޓު ފޮއްޓަށް ވޯޓުލުމުން އޭނާ ވޯޓިލީީ ގޮތް އެންމެނަށް އެނގުމެވެ.
"ރީ ރެޖިސްޓްރޭޝަން ނިމުނު އިރު 8000 ފަރާތެއްގެ ވޯޓެއްގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް ރީ ރެޖިސްޓާ ކޮށްފައިވޭ. މި ފަރާތްތަކަށް އަލުން މިހާރު ރީ ރެޖިސްޓާ ކޮށްފައިވާ ތަން ނޫން އެހެން ތާކަށް ރީރެޖިސްޓާ ވާން މި ހަފުތާގެ ނިޔަލަށް ފުރުސަތު ހުޅުވާލަން،" އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވި އެވެ.
މިދިޔަ އަހަރުުގެ އޭޕްރީލް މަހު ހަތަރެއްގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް ކޮވިޑް 19އާ ގުޅިގެން އެކި ފަހަރު މަތީން އިންތިހާބު ފަސް ކުރަމުން އައިސް އެންމެ ފަހުން މަޖިލީހުން ފާސްކުރި ސަންސެޓް ގާނޫނަކުން، އަންނަ އޭޕްރީލް މަހުގެ 10 ގައި އިންތިހާބު ބާއްވަން މިހާރު ވަނީ ކަނޑައަޅައިފައެވެ.