އެސްޓީއޯ

ރާއްޖެއަށް ވަގަށް ތެޔޮ އެތެރެކޮށްގެން ވިއްކަމުން ދާކަމަށް އަމްރު ވިދާޅުވެއްޖެ

އިބްރާހިމް ޒަކީ

2

ރާއްްޖެއަށް ވަގަށް ތެޔޮ އެތެރެކޮށްގެން ބައެއް ފަރާތްތަކުން ވިއްކަމުންދާ ކަމަަށް، އެންމެ ފުޅާ ދާއިރާއެއްގައި ރާއްްޖެއަށް ތެޔޮ އެތެރެކުރާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ސަބްސިޓަރީ ކުންފުނި ކަމަށްވާ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެޔޮ، ބައެއް އާއްމު ފަރާތްތަކުން ވިއްކާ ތެލަށްވުރެ އަގުބޮޑުވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ، އެސްޓީއޯ އިން ރާއްޖެއަށް ތެޔޮ ގެންނަނީ ކޮލިޓީ އާއި ތިމާވެއްޓަށް ބަލައިގެން ކަމަށެވެ.

ނަމަވެސް އެއީ ރެގިއުލޭޓްކޮށްފައި އޮންނަ މާކެޓެއް ނޫން ކަމުން ބައެއް ފަރާތްތަކުން ކޮލިޓީ ދަށް ތެޔޮ ވަގަށް ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަމުންދާ ކަމަށް އަމްރު ވިދާޅުވި އެވެ.

އެގޮތުން އިންޑޮނޭޝިއާ ދިމާލުން ބޭރުން ބޯޓުފަހަރުތަކުން ރާއްޖެއަށް ތެޔޮ އެތެރެ ކުރަމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަންޏެއް ނޫން ރާއްޖެއަށް ތެޔޮ އެތެރެ ކުރަނީ ބައެއް ފަހަރު ހުރެދާނެ އާއްމު އެހެން ފަރާތްތަކުން ތަންކޮޅެއް އަގުހެޔޮކޮށް ހުރެދާނެ، އެއީ ރެގިއުލޭޓް ކުރެވިފަ އޮންނަ މާކެޓެއް ނޫން، އެނގޭ އެއްޗަކީ ބައެއް ވެސަލްތަކުގެ ޓްރެކިން އެބަބަލަން، ބަލާއިރުގައި އިންޑޮނޭޝިއާ ދިމާ ބޭރަށް ނިކުމެލައިފަ އެބަ އާދޭ ތިންދުވަސް، ހަތަރު ދުވަސްތެރޭގައި ތެޔޮ ހިފައިގެން، އެހެންވީމަ އެކަލަ ކަންތައް އެބަ ދިމާވޭ، އަޅުގަނޑުމެންނަށް އެނގޭ އެއީ އެހާ ރަނގަޅު ތެލެއް ނޫންކަން ކޮލިޓީ އެކަންޏެއް ނޫން، އެއީ ރަނގަޅު ތެލެއް ނޫން. ކޮލިޓީ ތެލެއް ނޫން. އިންޑޮނޭޝިއާ ނޫސްތަކުގައި ހުންނާނެ ބައެއް ސަރަހައްދު ތަކުގައި ވަގު ތެޔޮ ވިއްކާ ވާހަކަ، އެހެންވީމަ ބައެއް ފަހަރު އެބަ ލިބޭ އަގު ހެޔޮކޮށް ތެޔޮ، އެއީ ޝިޕް ޓު ޝިޕް ޓްރާންސްފާ ކޮށްގެން ބީއެލް ބަދަލު ކޮށްގެން އެކަން އެކުރަނީ،" އަމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަހަލަ ހުށަހެޅުންތައް އެސްޓީއޯއަށް ވެސް ލިބޭ ކަމަށެވެ.

"އަޅުގަނޑުމެނަށް ވެސް އެފަދަ ކަންތައްތައް އެޕްރޯޗް ކުރޭ، އިރާގުން ދުބާއި ސަރަހައްދު ބޭރުން އެބަހުރި، އެ އަގު ހެޔޮ ވާނެ އެކަމު އެއީ ކުރަންވާ ވަރު ކަންތައްތަކެއް ނޫން،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، ރާއްޖެ ކައިރީގައި ބޯޓެއް ބާއްވައިގެންވެސް ބޭރުގެ ފަރާތަކުން ޑިއުޓީ ދެއްކުމަކާ ނުލައި ތެޔޮ ވިއްކަމުންދާ ކަމަށެވެ.

"ތެލުގެ ނެތް ގާނޫނެއް، ތެލުގެ ނެތް އެއްވެސް ކަހަލަ ގަވާއިދެއް، އަނެއްހެން ދަންނަވާނީ ކަމަށްވަނީ ވިއްޔާ ވައިލްޑް ވައިލްޑް ވެސްޓް އިނގޭތޯ މީ، ބޭރުގެ އަރަތްބަކު، ބޭރު މީހަކު ހަމަ ބޯޓެއް ފޮނުވައިގެން މިތާ ކައިރީގައި އޮވެގެން ހަމަ އެހެރަ ވިއްކަނީ ތެޔޮ، އޭގެ ދެބައިކުޅަ އެއްބަޔަށް ކަސްޓަމް ޑިއުޓީ ދައްކަނީ އަނެއްބަޔަށް ނުދައްކާ އެ ވިއްކާލަނީ، މިކަހަލަ ގޮތަކަށް ހިނގާ ކަމެއް މީ،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެކަންކަން ހައްލު ކުރެވޭނީ، ތެޔޮ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރުމާބެހޭ ގާނޫނެއް އޮވެގެން ކަމަށާއި ތެލުގެ ކޮލިޓީ ބެލޭނެ ނިޒާމެއް އެސްޓެބްލިޝް ކުރެވި، ރާއްޖެ އެތެރެކުރާ ކޮންމެ ޝިޕްމެންޓެއްގެ ކޮލިޓީ ޗެކްކުރާނެ ލެބެއް ގާއިމްކޮށް ތެލަކީ އިންޓަނޭޝަނަލް ގާނޫނުތަކާއި އެއްގޮތަށް އެތެރެ ކުރެވޭ އެއްޗެއްކަން ޔަގީން ކުރެވިގެން ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލަތައް، އެކި ފަހަރުމަތިން ކަސްޓަމަށް ރިޕޯޓް ކޮށްފައިވާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އަމްރު އިއްޔެ ވިދާޅުވީ އާއްމު ކުދި ވިޔަފާރިތަކުން ތެޔޮ ވިއްކާ އަގާ އެއްވަރަށް މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮ ކޮށްދެއްވާނެ ކަމަށެވެ.