ފިޔާ އެބަހުރި ކަމަށާއި، އަންނަ ހަފުތާގައި ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ބުނެފިއެވެ.

އެސްޓީއޯއިން މިރޭ ބުނީ ފިޔާ ލިބުމުގައި ދަތިތަކެއް ހުރި ކަމަށާއި، ބައެއް ފަރާތްތަކުން އާދަޔާ ހިލާފަށް އަގުބޮޑުކޮށް ފިޔާ ވިއްކަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ އަތުގައި ފިޔާގެ އެކަށީގެންވާ ސްޓޮކެއް އެބަހުރި ކަމަށާއި، ފިޔާ ހުސްވެދާނެކަމުގެ ބިރެއް ނެތްކަމަށް އެސްޓީއޯއިން ބުންޏެވެ.

މިވަގުތުވެސް އެސްޓީއޯގެ ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކަމުން ދަނީ އެއްވެސް ބަދަލެއް ނުގެނެސް، ކުރިންވެސް ވިއްކި އަގު ކަމަށްވާ 13 ރުފިޔާއަށްކަމަށް އެެސްޓީއޯއިން ބުންޏެވެ.

ބާޒާރުގައި ފިޔާގެ އަގު އުފުލިފައިވީ ނަމަވެސް، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުމަށްކަމަށް އެސްޓީއޯއިން ބުންޏެވެ. ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަންނަ ހަފުތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ފިޔާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް ފިޔާ ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ބާރުސްޕީޑުގައި ކުރަމުންކަމަށް އެސްޓީއޯއިން ބުންޏެވެ.