ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔުގެ ގަޔަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އުދައްޔުގެ މަރުގެ މައްސަލައިގައި އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވީ މި މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖެއް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ޕީޖީ އޮފީހުން މިރޭ "ވަން" އަށް ބުނީ އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަަޅާނެ ކަމަށެވެ. އެގޮތުން މި މަހުގެ 23ގެ ކުރިން މައްސަލަ ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.

މި މާރާމާރީއާ ގުޅިގެން އުދައްޔުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވެސް ހެދި އެވެ. އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

މާމެންދޫގައި ހިންގި މާރާމާރީގައި އުދައްޔު މަރުވީ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށް ވެސް ވަޅިން ހަމަލާދިނެވެ

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް އަދި 18 އަހަރުގެ ދެ މީހެކެވެ.