ހއ. ކެލާގައި 100 ކޮޓަރީގެ ސިޓީ ހޮޓަލެއް ހަދަން, އެކަމުގެ ބިޑު ކާމިޔާބު ކުރި ފެޑޯ ޕްރައިވެޓް ލިމިޓެޑާ މިއަދު މަޝްރޫއު ހަވާލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މިއަދު ބޭއްވި މި މަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމުގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވެސް ބައިވެރި ވަޑައިގަތެވެ.
ކެލާގައި ޓޫރިޒަމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދުގައި ހަދާ ހޮޓަލެކެވެ. މި މަޝްރޫއު ނިންމަން ދިން މުއްދަތަކީ 30 މަސް ދުވަހެވެ.
މި މަޝްރޫއުއާ ގުޅޭ ގޮތުން ފެޑޯ ކުންފުނީގެ ކޮމިއުނިކޭޝަން ހެޑް އަނިލް އާދަމް ވިދާޅުވީ, ހޮޓަލުގެ ކޮންސެޕްޓާއި ހަދާނީ ކިހާ ފަންތިއެއްގެ ހޮޓަލެއްކަން އިނގޭނީ ލޭންޑު ސާވޭ އާއި އީއައިއޭ އަދި ޑީޓެއިލް ކުރެހުންތަކުގެ މަސައްކަތް ނިމުމުން ކަމަށެވެ. އަދި އެ ކަންކަމަށް ހަ ވަރަކަށް މަސް ހޭދަވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, އުތުރުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރާއިރު މާކެޓް އޮތް ވަރަށް ވެސް ބަލާނެ ކަމަށެވެ. އަދި އެތަން ތަރައްގީ ކުރުމަކީ ރިސޯޓެއް ތަރައްގީ ކުރުން ކަހަލަ ކަމަކަަަށްވާނެ ކަމަށް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ, މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި މަސައްކަތް ނިމުމުން 150 އާއި 200 އެއްހާ ވަޒީފާގެ ފުރުސަތު އެތަނުން އުފެދޭނެ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު