ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑާއި ޕޭމަންޓް ގޭޓްވޭގެ ބައެއް ހިދުމަތްތައް މިރޭ ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެކްސްގައި ބީއެމްއެލުން އާންމުކުރި އިއުލާނެއްގައި ބުނި ގޮތުގައި، މި ހިދުމަތްތައް މެދުކެނޑޭނީ މިރޭ ދަންވަރު 1:30 އިން ފެށިގެން 2:30 އާ ދެމެދުގައެވެ. މި އެއް ގަޑިއިރުގެ ތެރެއިން ގާތްގަނޑަކަށް 30 މިނެޓަށް ބައެއް ހިދުމަތްތަކަށް ބުރޫއަރާނެ ކަމަށް އެ ބޭންކުން ފާހަގަކުރިއެވެ. މިއީ ކުރިއަށް ރޭވިފައިވާ މެއިންޓަނަންސް މަސައްކަތެއް ކަމަށް ވެސް ބީއެމްއެލުން ބުނެފައިވެއެވެ.

މި ވަގުތުކޮޅުގެ ތެރޭގައި އޮންލައިންކޮށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ނުދެއްކޭނެއެވެ. މީގެ އިތުރުން، އެހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓާކާޑު ބޭނުންކޮށްގެން ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކުމުގައި ވެސް ވަގުތީ ދަތިތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ނަމަވެސް، އެހެނިހެން ކާޑުތަކުގެ މުއާމަލާތްތައް އެއްވެސް މެދުކެނޑުމެއް ނެތި އާންމު އުސޫލުން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވެއެވެ. ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރަނގަޅުކުރުމަށް ކުރާ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބީއެމްއެލުން ވަނީ މައާފަށް އެދިފައެވެ.