ހުޅުމާލެ ފޭސް އެކެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވައި ފުލުހުން ޓޯކޮށްފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:20 ހާއިރުއެވެ. ހުޅުމާލެ ފޭސް އެކެއްގެ ދިއްގާމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް މަޑުކުރުމަށް ފުލުހުން އެންގުމުން، އޭގެ ތެރެއިން އެއް ސައިކަލު ވަނީ އަމުރަށް ނުކިޔަމަންތެރިވެ އިތުރަށް ބާރު ސްޕީޑުގައި ފިލަން މަސައްކަތްކޮށްފައެވެ.

އެ ސައިކަލު ފިލަން ދިޔަ މަގުމަތީގައި ނިރޮޅުމަގު 10 ނަންބަރު ގޯޅިއަށް އަޅައި، އެ މަގުން ހުޅަނގަށް ގޮސް ނިރޮޅުމަގަށް އަރާފައިވެއެވެ. އަދި އުތުރުން ދެކުނަށް ޒިގްޒެގްކޮށް، ނުރައްކާތެރިކޮށް އޯވާޓޭކް ކުރަމުން ދަނިކޮށް، ފުލުހުންގެ ޕެޓްރޯލް ޓީމުން ވަނީ ނިރޮޅުމަގު 11 ނަންބަރު ގޯޅި ކައިރިން އެ ސައިކަލު ހުއްޓުވައިފައެވެ.

މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިވާތީ އެ ސައިކަލު ޓޯކޮށްފައިވާ އިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.