ގަތަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރައްވައިފި އެވެ.

ސިޔާސީ ގުޅުން އަލުން ގާއިމުކުރުން ފާހަގަކުރެއްވުމަށް ރައީސް ގަތަރަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނާއެކު ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހުމަދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާވެސް ވަޑައިގެންނެވިއެވެ.

މިއަދު މެންދުރު ގަތަރުގެ އަމީރުގެ ގަނޑުވަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ކަންކަން ކުރިއެރުވުމަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގަތަރުގެ ސަރުކާރުން ވެދެއްވަމުން ގެންދަވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ގަތަރާ ދެމެދު ގުޅުން ވަރުގަދަކުރުމާ ބެހޭގޮތުން ވާހަކަދައްކަވައިފަ އެވެ. އަދި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަކޮށް، އިންވެސްޓްމެންޓު ފުރުސަތުތަކާ ބެހޭގޮތުން ވާހަކަދެއްކެވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި އޮތް ތަރައްގީގެ ވައްޓަފާޅި ބަދަލުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިހާރު ރާއްޖެ ތަރައްގީކުރުމަށް ނިންމަވާފައިވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީ ރާއްޖެއަށް ލިބޭނެފަދަ ގޮތަކަށް ކަމަށެވެ.

ޓެރަރިޒަމަށް ވާގިވެރިވާ ގޮތަށް ގަތަރުން މަސައްކަތް ކުރަމުންދާތީ ކަމަށް ބުނެ ގަތަރާއެކު ރާއްޖޭން ބާއްވަމުން އައި ސިޔާސީ ގުޅުން ރަސްމީކޮށް ކަނޑާލީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އެވެ. އެ ނިންމުން އޭރު އައީ ސައުދީން އިސްވެ، ގަތަރާ ގުޅުން ކަނޑާލުމާއެކު އެވެ.

އެ ގުޅުން އަލުން ގާއިމުކުރަން ރާއްޖޭން ނިންމައި އެކަން އިއުލާންކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.