ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ "ރިވެލި އެވޯޑު 2026" ޖުމުލަ 8 ފަރާތަކަށް ހަވާލުކޮށްފިއެވެ.

ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި މި ހަފުލާގައި އެވޯޑު ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ.

މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުންނާއި، އެފަދަ ފަރާތްތަކަށް އިގުތިސާދީ އަދި އިޖުތިމާއީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމައު" ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ގައުމީ ހަރަކާތެކެވެ.

8 ނޮވެމްބަރު 2026، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ "ރިވެލި އެވޯޑު 2026" ދިނުމަށް ބޭއްވި ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ހެލްތު އެންޑް ފެމިލީ މިނިސްޓްރީ

މިއަހަރުގެ ރިވެލި އެވޯޑު ޖުމުލަ ހަ ދާއިރާއަކުން ދިނުމަށް ހުޅުވާލި އިރު، 25 ފަރާތަކުން ނަން ހުށަހެޅިއެވެ. އެވޯޑު ހާސިލުކުރި ފަރާތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން ހދ. ކުރިނބި، ރިހިވެލި، އަލީ ސަމީމާއި، ސ. މަރަދޫ، އަސްރުމާގެ، މުހައްމަދު ނާހިލް ސަލާމްގެ އިތުރުން ހ. ސަފީގުގެ އައިޝަތު ސަފީގު ހިމެނެއެވެ. އަދި އެކި ގޮތްގޮތުން ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން އެވޯޑު ހާސިލުކުރީ ށ. ބިލެތްފަހި، ހަވީރީނާޒް، އަބްދުއްރައްޒާގު އަބްދުއްސަމަދެވެ.

ތައުލީމީ ދާއިރާއިން އަމީނިއްޔާ ސްކޫލަށް އެވޯޑު ލިބުނު އިރު، ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އެވޯޑު ހާސިލުކުރީ ހދ. ކުޅުދުއްފުށި، އަލްފާ، ފާތިމަތު މުހައްމަދެވެ. އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވާ ފަރާތްތަކުގެ ދާއިރާއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑަށް ވަނީ އެވޯޑު ލިބިފައެވެ.

8 ނޮވެމްބަރު 2026، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ "ރިވެލި އެވޯޑު 2026" ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ/ ހެލްތު އެންޑް ފެމިލީ މިނިސްޓްރީ

މީގެ އިތުރުން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރުމާ ގުޅިގެން، ށ. ކޮމަންޑޫ، އެންދެރިމާގެ، އިސްމާއީލް ރާހިލްގެ އެ ތާރީހީ ކާމިޔާބީ ފާހަގަކޮށް، މިނިސްޓްރީން ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވައިފައެވެ.

ހެލްތު އެންޑް ފެމިލީ މިނިސްޓްރީން ބުނީ މިފަދަ ގައުމީ ފެންވަރުގެ އިނާމުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބި، މުޖުތަމައުގައި އެ ފަރާތްތައް ބާރުވެރިކުރުވައި، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ކުރެވޭ މަސައްކަތްތައް ފުޅާކޮށް، އެންމެން ސާމިލުވާ އޯގާތެރި މާހައުލެއް ގާއިމުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.