މުޖުތަމައުގައި ބިނާކުރަންވީ އެންމެން ބައިވެރިވާ އަދި އެންމެންނަށްވެސް ގަދަރުކުރާ މުޖުތަމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބޭއްވި ރިވެލި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. މިއީ އެ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ އަގުވަޒަންކުރުމަށް ބޭއްވުނު އުފާވެރި ޖަލްސާއެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އިންސާނުންގެ ބޭރުފުށުން ފެންނަ ކަންކަމަށް ބަލައި ގޮތް ނިންމުމަކީ ތާރީހުގައިވެސް ހިނގާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން، އެކަމުގެ ސަބަބުން އެތައް ބައެއްގެ އިންސާނީ ކަރާމާތް ގެއްލިގެން ގޮސްފައިވާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގައިވެސް މާޒީގައި އެފަދަ ފަރާތްތަކަށް މުޖުތަމައުގެ ފަރުވާކުޑަ ނަޒަރެއް ދެވިފައިވީ ނަމަވެސް، މިހާރު އެފަދަ ނުރަނގަޅު ވިސްނުންތައް ފިލައި ގޮސް ހޭލުންތެރިކަން އިތުރުވަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

8 ނޮވެމްބަރު 2026، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ "ރިވެލި އެވޯޑު 2026" ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ/ ހެލްތު އެންޑް ފެމިލީ މިނިސްޓްރީ

ރާއްޖޭގައި 2012 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި އެފަދަ ފަރާތްތަކުގެ ހުނަރުތައް ކުރިއަރުވައި މުޖުތަމައުގައި ބައިވެރިކުރުމަކީ ތަހުޒީބު މުޖުތަމައެއްގައި އޮންނަންޖެހޭނެ މުހިންމު ސިފައެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރިވެލި އެވޯޑު ހާސިލުކުރި ފަރާތްތަކަށް މަރުހަބާ ދަންނަވަމުން، އެ ފަރާތްތަކުން ދައްކުވައިދެނީ އަޒުމާއި ސާބިތުކަން ކަމަށް ސާޖިދާ ވިދާޅުވިއެވެ. އެ ފަރާތްތަކަކީ ދިވެހި މުޖުތަމައުގެ ވަރަށް އަގުހުރި، ތަފާތު ދާއިރާތަކުގެ މޭސްތިރިންގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ދިވެހީންގެ އިޖުތިމާއީ ނިޒާމުތައް އެކުލެވިގެންވާންވީ ކުލުނާއި ކަމޭހިތުމަށް ދިރުން ލިބޭގޮތަށް ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެކަކުވެސް ބާކީނުކޮށް، އެންމެންގެ އުފާވެރިކަމާއި ހިތްހަމަޖެހުމަށް މަސައްކަތްކުރާ މުޖުތަމައެއް ބިނާކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.