މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާ މެދު، މިނިސްޓަރު ހިތްހަމަ ނުޖެހޭނަމަ، ޕީއެސް މަގާމުން ވަކިކުރެވޭ ގޮތަަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ހުށަހަޅުއްވަން ހަމަޖެހިފައިވާ އިސްލާހެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފައެވެ.

ސިވިލްސާވިސްގެ ގާނޫނުގައި، ޕީއެސް ވަކި ކުރުމަށް މިހާރު ކަނޑައަޅާފައިވާ ހާލަތްތައް ކަނޑައަޅާފައިވާ މާއްދާއަށް އިސްލާހެއްގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށް ރޮޒެއިނާގެ އިސްލާހުގައި ވަނީ ހުށަހަޅުއްވައިފައެވެ.

އެގޮތުން ޕާމަނަންޓް ސެކްރެޓަރީގެ މައްޗަށް މިނިސްޓަރުގެ އިތުބާރު ނެތުމަކީ އޭނާ ވަޒީފާއިން ވަކިކުރެވޭނެ ހާލަތެއްކަމުގައި ގާނޫނުގައި ކަނޑައަޅަން އެ އިސްލާހުގައި ވަނީ ހިމަނައިފައެވެ.

އެ ބަދަލު ގެންނަން ހުށަހަޅާފައިވަނީ، އެ ގާނޫނުގެ 57 ވަނަ މާއްދާގެ (ނ) ގެ ފަސްވަނަ ނަމްބަރުގެ ފަހަތަށް (6) ވަނަ ނަންބަރުގެ ގޮތުގައި އިތުރު ކުރާ އަކުރެއްގެ ގޮތުގައެވެ.

ސިވިލް ސާވިސްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޕީއެސް ވަކި ކުރެވޭނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނަށެވެ. އަދި އެގޮތަށް ޕީއެސް ވަކި ކުރެވޭނެ ހާލަތްތަކެއް ވަނީ ގާނޫނުގައި ބަޔާންކޮށްފައެވެ.

އެގޮތުން ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ތަމްރީނު ކޯހަކުން ފާސް ނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުމާއި، ދިވެހި ސިވިލްސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަން ކޮމިޝަނަށް ސާބިތުވުމާއި، އެ މުވައްޒަފަކަށް ޕީއެސްގެ ވަޒީފާ ލިބިފައި ވަނީ ގާނޫނާއި ސިވިލްސާވިސްގެ ގަވައިދާ ހިލާފަށް ކަމަށް ސިވިލްސާވިސް ކޮމިޝަނުން ކުރި ތަހުގީގަކުން ސާބިތުވުމުގެ އިތުުރުން، ނިޔާވުން ހިމެނެއެވެ. އަދި މިގާނޫނުގެ 51 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް މަގާމުން އިސްތިއުފާ ނުދީ ހުރެ، އިންތިހާބީ މަގާމަކަށް ކުރިމަތިލުމަކީވެސް ވަޒީފާއިން ވަކި ކުރެވޭނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ސިވިލް ސާވިސް ކޮމިޝަން މިހާރު އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށްވެސް ރޮޒެއިނާގެ އިސްލާހުގައި ހުށަހަޅުއްވާފައި ވެއެވެ. އެގޮތުން ކޮމިޝަންގެ މެންބަރުންނަށް މަދުވެގެން އަންހެން ދެ މެންބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅަން ވަނީ ހުށަހަޅުއްވައިފައެވެ.