ސިނޯފާމާއި ފައިޒާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.
އެކަން އިއުލާނު ކުރެއްވުމަށް މިއަދު މެންދުރު ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު އައިޝަތު މުހައްމަދު ވިދާޅުވީ އެ ދެ ވެކްސިން ބޭނުން ކުރުމުގެ އިމަޖެންސީ ހުއްދަ ދީފައިވަނީ އިއްޔެ ކަމަށެވެ.
"ސޭފްޓީ ވައިސްކޮށް ބަލާ ނަމަ އެކި ގައުމުތަކުގައި ހަދާފައި މިހިރަ ކްލިނިކަލް ސްޓަޑީޒްއަށް ވަރަށް ބޮޑަށް ބަލާލިން،" އައިޝަތު މުހައްމަދު ވިދާޅުވި އެވެ.
ދެ ވެކްސިނަށް އެޕްރޫވަލް ދިނުމުގައި ވަކި ކަހަލަ ކަންތައްތަކަށް ބައްލަވާފައިވާނެ ކަން އައިޝަތު މުހައްމަދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ޗައިނާގެ ސިނޯފާމް ވެކްސިންނަށް ހުއްދަ ދިނުމުގައި ވަރަށް ގިނަ ކަންތައްތަކެއް ބަލަން ޖެހުނު ނަމަވެސް ފައިޒާ ވެކްސިން އަކީ ޑަބްލިއު އެޗްއޯ އީޔޫއެލް ލިސްޓިންގައި ހިމެނޭ ވެކްސިނަކަށް ވުމުން އެއަށް ވަރަށް ފަސޭހައިން އެޕްރޫވަލް ދެވުނު ކަމަށެވެ.
އެހެން ނަމަވެސް ފައިޒާ ވެކްސިން އަދި ރާއްޖެއަށް ލިބިފެއް ނުވެއެވެ. އުންމީދު ކުރަނީ ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ފައިޒާ ވެކްސިން ލިބިގެން ދިއުން ކަމަށް އައިޝަތު މުހައްމަދު ދީދީ ވިދާޅުވި އެވެ.
ބައެއް ގައުމުތަކުގައި 60 އަހަރުން މަތީގެ މީހުނަށް ސިނޯފާމް ވެކްސިން ދިން ނަމަވެސް ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަދީފައިވާނީ 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުނަށް ކަމަށް ވެސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވި އެވެ.
ވެކްސިން
ވެކްސިން
ވެކްސިން