ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނާ ހިލާފުވެފައިވާތީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަން ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވެގެން އެމްޑިޕީ އާއި ޕީޕީއެމް އަދި ޕީއެންސީ ވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެޗްޕީއޭގެ މިންގަނޑާއި ހިލާފަށް ޕާޓީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާތީ އެމްޑީޕީ 5000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ޕީޕީއެމް އާއި ޕީއެންސީ ޖޫރިމަނާ ކޮށްފައިވަނީ މުޒާހަރާތައް ކުރުމުގެ ތެރެއިން އެޗްޕީއޭގެ މިންގަނޑުތަކާ ތަކުރާރުކޮށް ހިލާފު ވެފައިވާތީ ކޮންމެ ޕާޓީއެއް 25،000 ރުފިޔާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި ޖަގަހައެއް ހުޅުވުމަށް މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ވަނީ ބޮޑު ހަރަކާތެއް ބާއްވާފަ އެވެ. މިހަރަކާތުގައި ފަސް މީހުންނަށް ވުރެ ގިނައިން ގައިދުރު ކަމެއް ނެތި އެތައް ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އެމްޑިޕީން ބުނީ މި ހަރަކާތް ބޭއްވީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށެވެ.

ސަރުކާރުގެ އެކި އެކި ކަންކަމާ މެދު ހިތްހަމަ ނުޖެހިގެންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކޮންމެ ހުކުރު ދުވަހަކު ދަނީ މުޒާހަރާތައް ބާއްވަމުންނެވެ. މި މުޒާހަރާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލަ އެވެ.