އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ހޯދަން ނިންމާފައިވަނީ ކޮވިޑު ވެކްސިންގެ ތިން ލައްކަ ޑޯޒް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް ލިބެން ހުރި ވެކްސިންތަކާއި މިވަގުތު ލިބިފައި ހުރި ވެކްސިންތަކުގެ ތަފުސީލު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ޗައިނާ ސަރުކާރުން ވެކްސިންގެ ދެ ލައްކަ ޑޯޒު ދޭން އެއްބަސްވެފައިވާއިރު، ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ލިބެން އޮތް ކޮވިޝިލްޑު ވެކްސިންގެ 108،000 ޑޯޒުގެ ތެރެއިން މިހާތަނަށް ލިބުނު 12،000 ޑޯޒު މިހާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ފައިޒާ ވެކްސިންގެ 5850 ޑޯޒު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ސިރަމް އިންސްޓިޓިއުޓުން ހޯދަނީ ތިން ލައްކަ ޑޯޒު ކަމަށް ވިދާޅުވި އެވެ.
ކޮވިޑް ވެކްސިން ރާއްޖެއަށް ގަތުމަށް އެކަމާގުޅޭ ގޮތުން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓާއެކު ދިވެހި ސަރުކާރުން ސޮއިކުރަން ނިންމާފައިވާކަން ދިވެހި ސަރުކާރުން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އެ ވެކްސިން ހޯދުމަށްޓަކައި، އެކަމާބެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ވަނީ ނިންމައިފަ އެވެ.
ނަމަވެސް މި ވެކްސިން ލިބޭނެ ތާރީހެއް ޑރ. ނަޒްލާ ވިދާޅެއްނުވެ އެވެ. އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ކޮވިޑް ވެކްސިން ގަތުމަށް، އެކަމާބެހޭގޮތުން ސިންގަޕޫރުގެ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ" އެކު ވެސް ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކުންފުނިން ހޯދަނީ ހަތް ލައްކަ ޑޯޒެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އެ ވެކްސިން ވެސް މިމަހު ފަހުކޮޅު ނޫނީ އަންނަ މަހު ލިބޭނެ އެވެ. ލިބޭނީ ޝިޕްމަންޓު އެއްކޮށް ކަމެއް ނުވަތަ އޭގެން ބައެއް ކަމެއް ވިދާޅެއްނުވެ އެވެ.
ރާއްޖޭގައި ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެންނެވެ. ރާއްޖޭގައި މިހާރު ދެމުން އަންނަނީ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. އަދި އަންނަ މަހުގެ ތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު