އަދާލަތު ޕާޓީގެ އިސް މަގާމު ތަކުގައި ތިއްބެވި ބޭފުޅުންގެ ހައިސިއްޔަތެއް ނެތް ކަމަށާއި، އެބޭފުޅުންނަކީ ޕާޓީގެ އެއްވެސް މަގާމަކަށް އައްޔަން ވެފައި ތިއްބެވި ބޭފުޅުން ނޫން ކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް އެ ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ، 17 ޖުލައި 2011 ގައި ފެށި އަދާލަތު ޕާޓީގެ ދެވަނަ ދައުރުގައި ގާނޫނީ އިންތިހާބުގެ މުއްދަތު 16 ޖުލައި 2016 ގައި ހަމަވެފައި ވަނިކޮށް، އިންތިހާބީ ދެވަނަ ދައުރު ހަމަވެ، 29 ދުވަސް ފާއިތުވެ ދިޔަ ފަހުން އަދާލަތު ޕާޓީގެ ދުސްތޫރުގެ 18.1 ވަނަ މާއްދާއަށް (ޓ) އިތުރު ކުރަން ޕާޓީގެ ގައުމީ މަޖިލީހުން 16 އޮގަސްޓް 2016 ގައި ނިންމާފައިވާ ނިންމުމަކީ، އަދާލަތު ޕާޓީގެ ދުސްތޫރުގެ 44.1 ވަނަ މާއްދާއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އެ ޕާޓީގެ މެންބަރެއް ކަމަށްވާ ދަފްތަރު ނަމްބަރު 3179 އަބްދުﷲ އިބްރާހިމްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އަބްދުﷲ އިބްރާހިމް އެދިފައިވަނީ އަދާލަތުގެ ދުސްތޫރަށް ގެނެސްފައިވާ އެ ބަދަލު ތަކުގެ އިތުރުން އެއިން ބާރު ލިބިގެން އެކުލަވާލާފައިވާ އެންމެހައި ގަވާއިދު ތަކާއި އުސޫލު ތަކަކީ އުފެދުމުގައިވެސް ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިސް ފިޔަވައި އެ ޕާޓީގެ އިސް މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ހުދުމުހުތާރު ގޮތުގައި އަމިއްލަ ނުފޫޒު ބޭނުންކޮށްގެން މަގާމުގައި ތިބި ބައެއްކަމުގައިވާތީ، އެބޭފުޅުންނަކީ ޕާޓީގެ އެއްވެސް މަގާމަކަށް އައްޔަންވެފައި ތިއްބެވި ބޭފުޅުން ނޫން ކަމަށް ކަނޑައަޅައިދިނުން، އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ބެލުމުގެ ދަށުން ގައުމީ މަޖިލިސް ބޭއްވުމަށް އަދާލަތު ޕާޓީގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އޭނާ އެދިފައިވެއެވެ.
އަދާލަތު ޕާޓީގެ ދުސްތޫރުގެ 18.1 ވަނަ މާއްދާއަށް އިތުރު ކުރި (ޓ) ގައި ބުނެފައިވަނީ ޕާޓީގެ ގައުމީ މަޖިލިސް ފަސްކުރަން ޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، މި ދުސްތޫރުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، ހިނގަ ހިނގައި އޮންނަ ދައުރާއި އަދި މި ދުސްތޫރަށް ފަހު މުއްދަތު ކަނޑައަޅާފައިވާ މަގާމުތަކުގެ މުއްދަތުވެސް ގައުމީ މަޖިލިސް ބޭއްވުމާ ހަމައަށް ދެމި އޮންނާނެ ކަމަށެވެ.
އެ ދުސްތޫރުގެ 44.1 މާއްދާގައި ބުނެފައި ވަނީ ޕާޓީގެ އެކިއެކި މަޖިލިސް ތަކަށާއި މަގާމުތަކަށް މީހުން އައްޔަން ކުރާނީ، ނުވަތަ ހޮވާނީ ޕާޓީގެ އިންތިހާބީ އެއް ދައުރަށް ކަމަށެވެ. މި ދުސްތޫރުގައި ވަކި އަހަރުތަކެއް ކަނޑައެޅި ބަޔާންވެފައި އޮތްކަމުގައި ވިޔަސް އެ އަހަރުތައް ގުނޭނީ، އެހިނގާ ދައުރެއް ނިމެންދެންނެވެ. ހިނގަމުންދާ ކޮންމެ ދައުރެއް ނިމުމުން، ނުވަތަ ނިމުމުގެ ކުރިން، މި ދުސްތޫރުގައި ކަނޑައެޅިފައިވާ މުއްދަތު ތަކުގެ ތެރޭގައި، އާ ދައުރަކަށް މީހުން އައްޔަންކުރަން، ނުވަތަ ހޮވަން ޖެހޭނެ ކަމަށެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، މިއީ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވިދާނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި އަދާލަތު ޕާޓީގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއްވެސް ނަގައިފައެވެ.
މި މައްސަލަ ބަލައި ސިވލްކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ކަންކަަމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކުން މަނާކުރާ ކަތައްތައް ކަމަށް ނުވާނަމަ، އެ ގަވާއިދުތަކަށް އަމަލުކޮށް އެ ގަވާއިދުތަކަށް ތަބާވުމަކީ ޕާޓީގެ މެންބަރުންގެ މައްޗަށް ލާޒިމްކަމެއް ކަމަށެވެ. އަދި މެންބަރެއްގެ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާގެ މައްސަލަ ފުރަތަމަ ބެލެން ޖެހޭނީ އެ ޝަކުވާ ބެލުމަށް ޕާޓީގެ ތެރޭގައި ގާއިމްވެފައިވާ ނިޒާމްގެ ތެރެއިން ކަމާއި، އެ މައްސަލަ ބެލުމަށް ޕާޓީގެ ތެރޭގައި ހަމަޖެހިފައިވާ އިޖުރާއަތް ފުރިހަމަކުރުމަށްފަހުގައި މެނުވީ އެ މައްސަލަ ޝަރީއަތަށް ހުށަހެޅިގެން ނުވާނެ ކަމަށާއި، އަދި އެކަން އެގޮތަށް އޮތުމަކީ ގާނޫނުއަސާސީއާ ފުށުއަރާ ކަމެއް ކަމަށް ނުބެލޭ ކަމަށްވެސް ބުނެފައިވެއެވެ.
އަދާލަތު ޕާޓީގެ ދުސްތޫރުގައި ވެސް އެ ޕާޓީގެ މެންބަރުން ޝަކުވާ ހުށަހެޅުމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތެއް ކަނޑައެޅިގައި އޮތްއިރު، ދައުވާ ކުރާ ފަރާތުން އެ އުސޫލުން އަމަލު ކުރުމެއް ނެތި، ފުރަތަމަ މަރުހަލާގައި ކޯޓުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅިގެން ދިއުމަކީ އެ އިޖުރާއަތުތައް އޮތުމުގެ ބޭނުން ނުވަތަ މަގުސަދު ގެއްލި ހިނގައިދާނެ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
އެހެންކަމުން އަބުދުﷲ އިބްރާހިމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ، އަދާލަތު ޕާޓީގެ މެންބަރުން އަމަލު ކުރުމަށް އެ ޕާޓީގެ ދުސްތޫރުގައި ކަނޑައެޅިފައި ހުރި އިޖުރާއަތްތައް ފުރިހަމަ ކުރުމަކާ ނުލައި، ހުށަހަޅަން ޖެހޭ މައްސަލައަކަށްވެފައި، އެ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނެތީސް، ޝަރުއީ ކޯޓުތަކުން މި މައްސަލައިގައި ގޮތެއް ނިންމުމަކީ، މައްސަލަ ބަލައި ހައްލު ކުރުމުގެ އިޖުރާއަތްތައް ގާނޫނާއި ގަވާއިދުތަކާއި އުސޫލު ތަކުގައި ކަނޑައެޅި ބަޔާން ކުރެވިފައި އޮތް އޮތުމުގެ ބޭނުން ނުވަތަ މަގުސަދު ގެއްލިގެންދާނެ ކަމަކަށްވާތީ، މި މައްސަލައަކީ ހުށަހެޅިފައިވާ ގޮތަށް އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.