އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އަށް ކެމްޕެއިން ކުރަން ފުރުސަތު ނުދޭ ކަމަށް ބުނެ އިލެކްޝަން ކޮމިޝަން (އީސީ) އަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ކޮންމެ ހުކުރު ދުވަހަކު މާލޭގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން މިއަދު ބާއްވަން އޮތް މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީސް ސަރަހައްދު ބަންދުކޮށް، އެ އޮފީހަށް ނުވަދެވޭ ގޮތް ހަދައިފައެވެ.

އެކަމާ ގުޅިގެން ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީ ވިދާޅުވީ މިއަދު މެންދުރު 2:20 އިން ފެށިގެން ޕީޕީއެމް އޮފީސް ބަންދުކޮށް، އެއްވެސް ފަރާތަކަށް އެ އޮފީހަށް ނުވަދެވޭ ގޮތަށް ފުލުހުން ހުރަސް އަޅަމުން އަންނަ ކަމަށެވެ.

"ފުލުހުން ބޭނުން ކޮށްގެން ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތްތައް ހުއްޓުވައި، އޮފީސް ބަންދު ކޮށްގެން ނުވަދެވޭ ގޮތް ހަދަމުންދާތީ އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ވަނީ މިއަދު ހުށަހެޅިފަ،" ހީނާ ވިދާޅުވި އެވެ.

އިދިކޮޅުން މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާގެ ކުރިން ވެސް ފުލުހުން ވަނީ ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދާއި ގްރީން ޒޯން ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން 39 މީހަކު ހައްޔަރުކުރި ނަމަވެސް، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.