އިންޑިއާ އިން އުފައްދާ ކޮވިޑް ވެކްސިންގެ 45 މިލިއަން ޑޯޒް ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ޕާކިސްތާނުގެ ނެޝަނަލް ހެލްތު ސާވިސްގެ ފެޑެރަލް ސެކްރެޓަރީ އާމިރު އަޝްރަފު ހަވާޖާ ވިދާޅުވީ, އެ ވެކްސިނަކީ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ގްލޯބަލް އެލަޔަންސް ފޮ ވެކްސިންސް އެންޑް އިމުނައިޒޭޝަން (ގާވީ)ގެ ގޮވެކްސް އިން ލިބޭ ވެކްސިން ކަމަށެވެ.

ކޮވެކްސް އިން ޕާކިސްތާނަށް ދޭން ނިންމާފައިވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ އެސްޓްރަޒެނަކާ ކުންފުނީގެ "ކޮވިޝިލްޑް" ވެކްސިނެވެ. އަދި އެ ވެކްސިންގެ ތެރެއިން އެއް ބައި މިމަހު އަދި ބާކީ އަންނަ ޖޫން މަހުގެ ކުރިން ލިބޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.

ޕާކިސްތާނުން މިހާތަނަށް ވަނީ ހަތަރު ވެކްސިނަކަށް ހުއްދަ ދީފަ އެވެ. އެއީ ޗައިނާ އިން އުފައްދާ ދެ ވެކްސިން ކަމަށްވާ ސައިނޯފާމް އާއި ކެސީނޯ ބަޔޯގެ އިތުރުން އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން އަދި ރަޝިއާ އިން އުފައްދާ ސްޕުޓްނިކް-5 އެވެ. އޭގެ ތެރެއިން ޗައިނާ އިން ވަނީ ޕާކިސްތާނަށް ފަސް ލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފަ އެވެ.

ހުރިހާ ގައުމަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް އިންޑިއާ އިން ގެންގުޅޭ ސިޔާސަތުގެ ދަށުން އެގައުމުން މިހާތަނަށް ވަނީ 65 ގައުމަކަށް ވެކްސިން ފޯރުކޮށްދީފަ އެވެ. އޭގެ ތެރެއިން ބައެއް ގައުމުތަކަށް ކޮވެކްސް ފެސިލިޓީން ވެކްސިން ލިބިފައިވާއިރު, އަނެއް ބައި ގައުމުތަކަށް ހިލޭ ވެސް ވެކްސިން ދީފައިވެ އެވެ. އަދި ބައެއް ގައުމުތަކުން ވަނީ އިންޑިއާ އަތުން ވެކްސިން ގަނެފަ އެވެ.