ބިދޭސީން ގެނައުމާއި ވޯކްޕާމިޓްގެ ކަންތަކާއި ބިދޭސީން ފޮނުވާލުމުގައި ދިމާވާ މައްސަލަތަކާ ގުޅިގެން އިކޮނޮމިކް ކިނިސްޓަރު ފައްޔާޒު އިސްމާއީލް ރައްޔިތުންގެ މަޖިލިހުގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.
އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން މެންބަރު ނާޒިލް ވިދާޅުވީ ވަޒީފާތަކުގައި ގެންގުޅޭ ބޭރުމީހުންގެ ވިސާގެ މުއްދަތު ހަމަވެ، ވިސާ އަލުން އާ ކުރަން ޖެހެނީ ކިހިނެއްކަން ނޭނގޭ މައްސަލައިގައި ވިޔަފާރިވެރިން ކަންބޮޑުވާ ކަމަށެވެ.
އެކަންކަން އޮޅުން ފިލުވުމަށް އޮންނަ އިކޮނޮމިކް މިނިސްޓްރީގެ ހޮޓްލައިނުން ފޯނު ނުނަގާ ކަމަށާއި، މިނިސްޓްރީގެ އެކަމާ ބެހޭ ސިސްޓަމް މުޅިން އާގޮތަކަށް ބަދަލު ކޮށްފައިވާއިރު އެކަމާބެހޭ އެހެން ކަންތައްތައް އޮޅުންފިލުވާނެ އެއްވެސް ގޮތެއް ނެތްކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ފުރަން ބޭނުންވާ ބިދޭސީންނަށް ނުފުރި، ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ނާދެވިފައިވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
އެހެންކަމުން އެކަންކަން ހައްލު ކުރާނެ ގޮތެއް އޮޅުން ފިލުވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އެ މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރެއްވުމަށް މެންބަރު ނާޒިލު ހުށަހެޅުއްވިއެެވެ.
މެންބަރު ނާޒިލްގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ މި ދަނޑިވަޅުގައި އިގްތިސޯދީ ގޮތުން ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޭރު މީހުން ގެނައުމުގައި ވިސާ އެކްސްޓެންޑް ކުރުމުގަ އާއި ވޯކްޕާމިޓް ހެދުމުގައި މިނިސްޓްރިން ދިމާވާ ދަތިތައް ކަމަށެވެ.
ބޭރުމީހުން ނުގެނެސް ކަންތައްތައް ކުރެވެން ނޯންނަ ކަމަށާއި ހަދަމުން އަންނަ ރިސޯޓު ތަކަށްވެސް މީހުން ގެނެވޭކަށް ނެތް ކަމަށް ވިދާޅުވިއެވެ.
އެގޮތުން ބޭރުމީހުން ގެނައުމަށް މިހާރު ކޯޓާ ލިބެން ނެތް ކަމަށާއި، އެކަންކަމަށް ފަސޭހަ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
އެ ކަމާގުޅިގެން އިގްތިސޯދީ ކޮމެޓީގެ މުގައްރިރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ، ކޮމެޓީގެ މެންބަރުން އެދިވަޑައިގެންނެވި ގޮތަށް ބޭރު މީހުން ރާއްޖޭގައި މަސްކަތްކުރުމުގެ ތެރޭގައި ދމާވާ ދަތިތައް އޮޅުން ފިލުވުމަށް އިކޮނޮމިކް މިނިސްޓަރު ކޮމިޓީއަށް ހާޒިރުވާން ދަންނަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް