ރަސްމީ ދަތުރުފުޅުތަކެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގަތަރާއި ބަންގްލަދޭޝް އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވީ، މި މަހުގެ 14 ވަނަ ދުވަހު ރައީސް ސޯލިހު ގަތަރަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖެ އާއި ގަތަރާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުންތައް އަލުން ގާއިމްކުރުން ފާހަގަކުރެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ޓެރަރިޒަމަށް ވާގިވެރިވާ ގޮތަށް ގަތަރުން މަސައްކަތް ކުރަމުންދާތީ ކަމަށް ބުނެ ގަތަރާއެކު ރާއްޖޭން ބާއްވަމުން އައި ސިޔާސީ ގުޅުން ރަސްމީކޮށް ކަނޑާލީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އެވެ. އެ ނިންމުން އޭރު އައީ ސައުދީން އިސްވެ، ގަތަރާ ގުޅުން ކަނޑާލުމާއެކު އެވެ.
އެ ގުޅުން އަލުން ގާއިމްކުރަން ރާއްޖޭން ނިންމައި އެކަން އިއުލާންކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.
މަބްރޫކު ވިދާޅުވީ، ރައީސް ސޯލިހު ބަންގްލަދޭޝަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އެ ދަތުރުފުޅަކީ އެގައުމުގެ ފުރަތަމަ ރައީސް މުޖިބޫރު ރަހްމާންގެ 100 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ބާއްވާ އިހްތިފާލުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ބަންގްލަދޭޝްގައި ބާއްވާ އިހްތިފާލުތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު