ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ ރިސޯޓު މުވައްޒަފުންނަށް ކަރަންޓީނަކާ ނުލައި ރަށް ރަށަށް ދަތުރު ކުރެވޭނެ ގޮތް މަގުފަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ރަން ޔޫބީލުގެ ލޯގޯ އިފުތިތާހު ކުރުމަށް އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މިދިޔަ އަހަރު ވަރަށް ބޮޑު ގުރުބާނީއެއްވެފައިވާ ކަމަށެވެ. އަދިވެސް ބައެއް މުވައްޒަފުން އަނބިދަރިން ކައިރިއަށް ނުދެވި އެބަތިބި ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކުރުމުން އެފަރާތްތަކުގެ އަނބިދަރިން ކައިރިއަށް ދިއުމުގެ ދިގު އިންތިޒާރަށް ނިމުމެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މުވައްޒަފުން ވަރަށް ބޮޑު ގުރުބާނީއެއް ވަމުން މިދިޔަ އަހަރު އެ ދިޔައީ. އަދިވެސް އަނބިދަރިން ކައިރިއަށް ނުދެވި މުވައްޒަފުން އެބަތިބި. އެއް އަހަރު ކަނޑައްތު ކޮށްފި. އަޅުގަނޑުމެން އުންމީދު ކުރަނީ މިހާރު އަޅުގަނޑުމެން މި ވެކްސިން ޖަހަމުން އަންނަ ސްޕީޑުގައި ވެކްސިން ޖަހާލައިފިއްޔާ އިރާދަކުރެއްވިއްޔާ ސެކަންޑު ޑޯޒަށްފަހު އެބޭފުޅުންނަށް ތަންތަނަށް ދިއުން މަގުފަހި ވެގެންދާނެ" ޑރ. މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވެފައިވާއިރު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީނަކާ ނުލައި ރަށް ރަށަށް ދަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު