ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން ސްޓެލްކޯ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެކުންފުނިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ފްލެޓް ދޫކޮށްފައި ވަނީ ގޯހުން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި މައްސަލައަށް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.
އެ މައްސަލައިގައި ކޮމިޓީން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިކަން މެންބަރުންނަށް ފާހަގަ ކުރެއްވޭ ކަމަށްބުނެ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ތާއީދު ކުރެއްވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ.
އެހުށަހެޅުއްވުމަށް ވޯޓަށް އެހުމުން އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލުމަށް ފާސްކުރީ މަޖިލިސް ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ސްޓެލްކޯއިން ފްލެޓް ދޫކުރި މައްސަލަ ބަަލައި އެސްއޯއީ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓްގައި، ސްޓެލްކޯގެ ވެރިންގެ ގާތް ތިމާގެ މީހުން އެތަނުގެ ވަޒީފާއަށް ވެއްދުމަށްފަހު، ފްލެޓް ލިބޭ ލިސްޓުގައި ހިމެނުމުން އެމީހުން ވަޒީފާއިން ވަކިވެފައިވާ މައްސަލަތަކެއް ވަނީ ފާހަގަ ކޮށްފައެވެ.
ސްޓެލްކޯގައި މަސައްކަތްކުރާ ގިނަ ދުވަސްވީ އަދި ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލުކުރަން ޖެހިފައިވާ މުވައްޒަފުންނަށް ކުރިމަތިލުމުގެ ފުރުސަތު ހަނިވާ ގޮތަށް ސްޓެލްކޯއިން ފްލެޓް ދޭ އުސޫލުތައް އެކުލަވާލާފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންގުމަށް ވެސް އެސްއޯއީ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
އެކަން އޭސީސީއަށް އެންގުމުގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް ޕްލޭނިން މިނިސްޓްރީގެ ފަންނީ ލަފާގެ މަތިން މުވައްޒަފުންނަށް އެޕާޓްމަންޓް ދޫކުރުމަށް އެކުލަވާލާފައިވާ "އުސޫލު" މުރާޖައާ ކުރުމަށް ސްޓެލްކޯއަށް އެންގުމަށާއި ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ފްލެޓް ހައްގުވާ މުވައްޒަފުންނަށް ފްލެޓް ލިބިގެންދާނެ ގޮތަކަށް އެޕާޓްމަންޓް ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލް މުރާޖައާކޮށް ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ ފްލެޓް ދިނުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ސްޓެލްކޯއަށް ދެންނެވުމަށާއި އަދި އެކަން ބެލުމަށް ޕްލޭނިން މިނިސްޓްރީއަށް އެންގުމަށްވެސް ހިމަނާފައި ވެއެވެ.
ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށްފަހު ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ފުލެޓް ހައްގުވާ މުވައްޒަފުން ކަނޑައެޅުމަށްފަހު، ފްލެޓް އިތުރުވާ ނަމަ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެ ފްލެޓުތައް ދެއްވާނެ ނިޒާމެއް ކަނޑައެޅުމަށް ސްޓެލްކޯއަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި، ސްޓެލްކޯއިން އެ ކުންފުނީނެ މުވައްޒަފުންނަށް 15 ފަންގިފިލާގެ 2 ރެޒިޑެންޝަލް ބިލްޑިންގް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަންނަނީ އިމާރާތް ކުރަމުންނެވެ.
ކޮންމެ ބިލްޑިންގެއްގައި އެއް ކޮޓަރީގެ 72 އެޕަޓްމެންޓާއި 2+1 ކޮތަރީގެ 120 އެޕާޓްމަންޓް ހިމެނޭ ކަމަށާއި އެހެންކަމުން ދެ ބިލްޑިންގުގައި 1 ކޮޓަރީގެ 144 އެޕާޓްމަންޓާއި 2+1 240 ހިމެނޭގޮތަށް 384 އެޕާޓްމަންޓް ހިމެނެއެވެ.
މީގެ ތެރެއިން 1 ކޮޓަރީގެ 72 އެޕާޓްމަންޓް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ސަރުކާރަށް ވިއްކަން ޖެހޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް