ކަތަމަންޑޫ (ނޭޕާލް) – ކޮވެކްސް ފެސިލިޓީގެ ދަށުން ނޭޕާލްއަށް އިންޑިއާ އިން ތައްޔާރުކުރި ވެކްސިންގެ 348,000 ޑޯޒް ފޮނުވައިފި އެވެ.
އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ތައްޔާރުކުރާ އެސްޓްރަޒެނަކާ "ކޮވިޝިލްޑް" ވެކްސިންގެ 348,000 ޑޯޒުގެ އިތުރުން ނޭޕާލަށް އިއްޔެ ވަނީ 350,000 ސިރިންޖާއި 3500 ވެކްސިން ސޭފްޓީ ބޮކްސް ވެސް ފޮނުވައިފަ އެވެ.
މިދިޔަ ޖަނަވަރީ މަހުގެ 27 އިން ފެށިގެން ނޭޕާލުގައި ކޮވިޑު ވެކްސިން ދޭން ފަށާފައިވާއިރު, އެގައުމުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ އިންޑިއާ ސަރުކާރުން ހަދިޔާކުރި އެއް މިލިއަން ކޮވިޝިލްޑް ވެކްސިން ޑޯޒްއާއެކު އެވެ.
އަދި މިހާތަނަށް އެގައުމުގެ 429,705 މީހަކަށް ވަނީ ވެކްސިން ދެވިފަ އެވެ. އެގައުމުގައި ފުރަތަމަ ވެކްސިން ދެމުން އަންނަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ހިދުމަތްތެރިންނަށެވެ.
ކޮވެކްސްއަކީ ފަގީރު އަދި މުއްސަނދި ގައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އުފެއްދި އިނީޝިއޭޓިވްއެކެވެ.
މި އިނީޝިއޭޓިވް އުފައްދާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އާއި ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސާއި ގްލޯބަލް އެލާޔަންސް ފޯ ވެކްސިން އެންޑް އިމިއުނައިޒޭޝަން އަދި ޔުނިސެފް ގުޅިގެންނެވެ.
އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮވެކްސް ފެސިލިޓީން ނޭޕާލްގެ އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ފޯރުކޮށްދޭނެ އެވެ. އަދި މިއަހަރުގެ މެއި މަސް ނިމުމުގެ ކުރިން ކޮވެކްސް ފެސިލިޓީން ނޭޕާލް އަށް 1.92 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދޭނެ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ