ޚަބަރު

މަސް ދުވަސް ފަހުން ފުވައްމުލައް އާންމު ހާލަތަށް ގެނެސްފި

ފުވައްމުލަކު ސިޓީ އާންމު ހާލަތަށް ގެނެސްފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މިއަދު އެރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށާއި އެހެންކަމުން ކޮންމެ ދުވަހަކު ނަގަމުންދިޔަ ރެންޑަމް ސާމްޕަލާއި އެތެރޭގެ އުދުހުންތަކަށް ހަދަންޖެހޭ ޕީސީއާރު ޓެސްޓު ހެދުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް މާސްކު އެޅުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުވައްމުލަކު ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާއަކީ ދުބާއީން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓައި، ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ.

ފުވައްމުލައް ސިޓީގައި ތިން ކުލަސްޓާއަކުން މިހާނަތަށް ޖުމުލަ 54 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެރަށު ބޯޓެއްގައި މަސައްކަތް ކުރާ ތިން ބިދޭސީއަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.