ކުރިއަށް އޮތް ލޯކަލް އިންތިހާބު ބާއްވަން އިތުރަށް ބޭނުންވާ 29.8 މިލިޔަން ރުފިޔާގެ ބަޖެޓް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މިދިޔަ އަހަރުުގެ އޭޕްރީލް މަހު ހަތަރެއްގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވީނަމަވެސް ކޮވިޑް 19އާ ގުޅިގެން އެކި ފަހަރު މަތީން އިންތިހާބު ފަސް ކުރަމުން އައިސް އެންމެ ފަހުން މަޖިލީހުން ފާސްކުރި ސަންސެޓް ގާނޫނަކުން، އަންނަ އޭޕްރީލްމަހުގެ 10 ގައި އިންތިހާބު ބާއްވަން މިހާރު ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް އެ ގާނޫނުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވަން ޖެހޭނީ، އެޗްޕީއޭއިން ނެރޭ ގައިޑްލައިނަކާ އެއްގޮތަށް ސަލާމަތާއި ރައްކާތެރި ކަމުުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ .
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ގާނޫނުގައި ބުނެފައިވާ ގޮތަށް އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންގައި ބުނާ ސަލާމަތީ ކަންތައްތައް ހަމަޖައްސައިގެން އިންތިހާބު ބޭއްވުމަށް އިތުރަށް ބަޖެޓް ބޭނުންވާ ކަމަށެވެ.
އެގޮތުން އީސީން ފުރަތަމަ ހުށަހެޅީ، 42.8 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އިންތިހާބުގައި ކޮންމެހެން ކުރަންޖެހޭ ހަރަދު ފިޔަވައި އެހެން ހަރަދުތައް އުނިކުރަން އެދުމުން ބަޖެޓަށް ބަދަލު ގެނެސް 29.8 މިލިޔަން ރުފިޔާގެ ބަޖެޓެއް އީސީން ކޮމިޓީއަށް ހުށަހެޅިއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒު ވިދާޅުވީ އިންތިހާބު ބޭއްވުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި ދިނުމާ މެދު އިއުތިރާޒެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ނަމަވެސް މިދުވަސްވަރަކީ ބަޖެޓުގެ ތާށިކަން ހުރި ދުވަސްވަރެއްކަމުން، އިންތިހާބަށް ބޭނުންވާ ކަމަށް ފުރަތަމަ ހުށަހެޅި 42.8 މިލިޔަން 29.8 އަށް ކުޑަވި ގޮތަށް އެ ބަޖެޓުން ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫނިއްޔާ ނުކުރާ ގޮތަށް ބަޖެޓް ހަމަޖައްސައިދިނުމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ނާޝީޒު ވިދާޅުވިއެވެ.
އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނަށް ލުއިތަކެއް ދޭނެކަމަށް ބުނެފައިވާތީ، މިމައްސަަލައިގެ ބަހުސަށް ހުޅުވާލުމަށްފަހު ލިބުނު ފުރަތަމަ ފުރުސަތުގައި، މިހާރު ކަނޑައަޅާފައިވާ ބަޖެޓުންވެސް ބައެއް ހަރަދުތައް ކުރަން ނުޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ އީސީން އެދިފައިވާ ބަޖެޓު ދިނުމަށް ފާސްކުރަން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވިއެވެ.
ބައެއް ބަދަލުތައް ގެނެސްގެން އާމިރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާކަމަށް ގިނަ މެންބަރުންތަކެއް ވިދާޅުވިއެވެ.
އެންމެ ފަހުން އާމިރުގެ ހުށަހެޅުއްވުން ބަދަލުކުރައްވައި މުޅިން އާ ހުށަހެޅުމެއްގެ ގޮތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެކަމާ ބެހޭ ގޮތުން ހުށަހެޅުމެއް ހުށަހެޅުއްވިއެވެ.
އެ ހުށަހެޅުއްވުމުގައި ވިދާޅުވެފައި ވަނީ، އިންތިހާބު ބާއްވަން އިތުރަށް ބޭނުންވާ 29.8 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށް ދިނުމަށް ކޮމެޓީއަށް ފެންނަ ކަމަށާއި، އެ ފައިސާ ހަރަދު ކުރަން ޖެހޭނީ ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކަށް ކަމަށާއި އަދި ގައިޑްލައިނަށް ލުޔެއް އައިސްފި ނަމަ އެ އަންނަ ލުޔަކާ ގުޅިގެން ބަޖެޓް ހަރަދު ކުޑަކުރެވޭނެ ގޮތަށް ބަލައި އެ ހަރަދުތައް ކުޑަ ކުރުމަށް ފަހު އީސީއަށް ފައިސާ ދޫކުރުމަށެވެ.
މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެވެ. މި ހުށަހެޅުން ފާސްވީ ކޮމެޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ