ފެނަކަ ކޯޕަރޭޝަންގެ ބޮޑު ހިޔާނާތާ ބެހޭ، އެ ކުންފުނީގެ ހާއްސަ އޮޑިޓް ރިޕޯޓުގެ މައްސަލަ ބަލަމުން އައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މުގައްރިރުގެ މަގާމު އަދާކުރައްވަމުންގެންދެވި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ނާޒިމުގެ ބަދަލުގައި، އެ ކޮމިޓީއަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އައްޔަންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުން ގެންދާ ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކާއި، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241ކޮމިޓީ) އިން ބަލަމުން ގެންދާ ސަލާމަތާބެހޭ ގިނަ މައްސަލަތަކެއްގައި އިސްކޮށް އުޅުއްވި ނާޒިމް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ، އެ ދެ ކޮމިޓީން ވަކިކޮށްފައެވެ. ނަމަވެސް މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީން ނާޒިމް ވަކިކުރި ސަބަބެއް އެނގިފައެއްނުވެއެވެ.

ނާޒިމްގެ ބަދަލުގައި ސަބް ކޮމިޓީއަށް އައްޔަންކުރި ސަލީމް އަކީ މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރެވެ. އަދި 241 ކޮމިޓީގެ މުގައްރިރެވެ.

ނާޒިމް ވަކިކުރި ފަހުން މާލިއްޔަތު ކޮމިޓީގެ ފެނަކަ މައްސަލަ ބަލާ ސަބް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެއް ނުވެއެވެ.

ފެނަކައިގައި ހިންގާފައިވާ އެކިއެކި ކޮރަޕްޝަން މައްސަލަތައް މާލިއްޔަތު ކޮމިޓީންނާއި، އޭސީސީން ތަހުގީގު ކުރަމުންދާއިރު، އެ އިން މައްސަލައެއްގައި އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ވަނީ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓުން ބޮޑެތި ކޮރަޕްޝަންތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން އެ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަމަށް ހުޅުވައިނުލާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އޭރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދުގެ އާއިލީ ތިން ކުންފުންޏަށް ޖުމްލަ 49.7 މިިލިއަން ރުފިޔާގެ ކޮންޓްރެކްޓް މަސައްކަތް ދީފައިވެއެެވެ.

ފެނަކައިން މަޝްރޫއުތަކާ ގުޅުން ހުރި ހަރަދުތައް ކުރުމުގެ ނަމުގައި 26 މިލިއަން ރުފިޔާ އެކައުންޓްތަކަށް ޖަމާކޮށްފައިވާ އިރު، އެ ފައިސާގެ ތެރެއިން 21 މިލިއަން ޖަމާކޮށްފައިވަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ކަމަށާއި އަދި ނަގުދު ފައިސާގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އޭގެ އިތުރުން ބިޑަކަށް ހުޅުވައިނުލައި އަދި އެއްބަސްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިއްސާ އޮންނަ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ފެނަކައަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެ އޮޑިޓް ރިޕޯޓާ ގުޅިގެން ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސައީދު މިއަދު ވިދާޅުވެފައިވަނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކޯޕަރޭޝަންގެ ބޭނުމަށް ކުރެވިފައިވާ އެންމެހައި ޕްރޮކިއުމަންޓް މުޢާމަލާތްތައް ކުރިއަށް ގެންގޮސްފައިވާނީ ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހައި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން އެކަށައަޅާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސައީދު ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލައަކީ، 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ މައްސަލައިގައި ސައީދުގެ މައްޗަށް 26 ޑިސެމްބަރު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެ އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.