އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ގއ. ދެއްވަދޫ ކައުންސިލް އިދާރާއަށް ކަނޑައަޅާފައިވާ ބަޖެޓަށް 2.3 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އެދި އެ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މިކަމާ ބެހޭގޮތުން ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ބަޖެޓް އިތުރުކޮށްދިނުމަށް އެދި ދެއްވަދޫ ކައުންސިލުން ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އަންނަ 2026 ވަނަ އަހަރަށް ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތަކަށް ހިނގާ ހަރަދުތަކަށް ފައިސާ ހަމަޖެއްސުމަށްފަހު، ކައުންސިލްގެ އެހެނިހެން ހަރަދުތައް ކުރުމަށް ދަތިވާ ކަމަށާއި، ކޮވިޑް-19 އާ ގުޅިގެން ކައުންސިލްގެ ބްލޮކް ގްރާންޓުން އުނިކުރުމާ ގުޅިގެން ޔުޓިލިޓީ ބިލުތަކަށް ފައިސާ ނުދެއްކި ހުރި ކަމަށެވެ.

އެހެންކަމުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެ ކައުންސިލްގެ ބަޖެޓަށް 2.3 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އެދޭކަމަށް ސިޓީގައި ބުނެފައިވެއެވެ.

ބްލޮކް ގްރާންޓްގެ ގޮތުގައި އަންނަ އަހަރަށް ދެއްވަދޫ ކައުންސިލަށް ކަނޑައަޅާފައިވަނީ 7.5 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

މި މައްސަލައިގައި ކުރިއަށްދިޔަ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް ފާސްކުރިފަހުން އެ ކައުންސިލަށް އިތުރު މުވައްޒިފުން ނަގާފައިނުވާ ކަމަށާއި، މިހާރުވެސް ސެކެޓްރަޖީ ޖެނެރަލް އާއި އެސިސްޓެންޑް ޑިރެކްޓަރުގެ މަގާމުގައި އެ ކައުންސިލްގައި މީހަކު ނެތް ކަމަށެވެ. އެހެންކަމުން މި މައްސަލަ ދިމާވެފަައިވަނީ ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން ދިމާވި މައްސަލައެއް ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

ބްލޮކް ގްރާންޓްގެ ގޮތުގައި އަންނަ އަހަރަށް އެ ކައުންސިލަށް 7.5 މިލިޔަން ރުފިޔާގެ ބަޖެޓެއް ދީފައިވާ އިރު، ކައުންސިލަށް ނަގަންޖެހޭ ސެކެޓްރީ ޖެނެރަލް އާއި އެސިސްޓެންޑް ޑިރެކްޓަރުގެ މަގާމުގެ މުސާރަ ނުހިމަނައިވެސް އަށް މިލިއަން ހަރަދުކުރަންޖެހޭ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައަށް ފިނޭންސް މިނިސްޓްރީން ހައްލު ހޯދައިދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީއަށް ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ތާއީދުކުރެއްވިއެވެ.

އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.