ފެނަކަ ކޯޕަރޭޝަންގެ ބޮޑު ހިޔާނާތާ ބެހޭ، އެ ކުންފުނީގެ ހާއްސަ އޮޑިޓް ރިޕޯޓާބެހޭގޮތުން މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ފެނެކައިގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ކޮރަޕްޝަންގެ މައްސަލަތައް މާލިއްޔަތު ކޮމިޓީންވެސް ދަނީ ބަދަލަމުންނެވެ. އެ މައްސަލަ ތަކުގެ ތަހުގީގު ކުރިއަށް ގެންދިއުން ވަނީ ސަބް ކޮމިޓީއަކާ ހަވާލުކޮށްފައެވެ.

މިއަދު ބޭއްވި ސަބް ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އެ ކޮމިޓިގެ މިއަދުގެ ބައްދަލުވުމަކީ، ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓްތަކާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީން ފޮނުވާފައިވާ ބައެއް ކަންތައްތަކާބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޝްވަރާ ކުރުމަށް އެދިގެން ފޮނުވި ސިޓިއަކާ ބެހޭގޮތުން މަޝްވަރާކުރަން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

އޭސީސީން ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއަކީ ސިއްރު ސިޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މިއަދުގެ ބައްދަލުވުގައި ކުރިއަށްގެންދާ މަޝްވަރާތަކަކީ އޭސީސީން ކުރިއަށް ގެންދާ ތަގުގީގަށް ބޭނުންވާ މަޝްވަރާތަަކަށްވާތީ އެ މަޝްވަރާ ބައްދަލުވުން ސިއްރު ކުރަން ބޭނުންވާ ކަމަށެވެ. އެހިސާބުން ކޮމިޓީ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ.

ފެނަކައިގައި ހިންގާފައިވާ އެކި އެކި ކޮރަޕްޝަން މައްސަލަތައް މާލިއްޔަތު ކޮމިޓީންނާއި، އޭސީސީން ތަހުގީގު ކުރަމުންދާއިރު، އެ އިން މައްސަލައެއްގައި އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ވަނީ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓުން ބޮޑެތި ކޮރަޕްޝަންތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން އެ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އޭރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދުގެ އާއިލީ ތިން ކުންފުންޏަށް ޖުމްލަ 49.7 މިިލިއަން ރުފިޔާގެ ކޮންޓްރެކްޓް މަސައްކަތް ދީފައިވެއެެވެ.

ފެނަކައިން މަޝްރޫއުތަކާ ގުޅުން ހުރި ހަރަދުތައް ކުރުމުގެ ނަމުގައި 26 މިލިއަން ރުފިޔާ އެކައުންޓްތަކަށް ޖަމާކޮށްފައިވާ އިރު، އެ ފައިސާގެ ތެރެއިން 21 މިލިއަން ޖަމާކޮށްފައިވަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ކަމަށާއި އަދި ނަގުދު ފައިސާގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އޭގެ އިތުރުން ބިޑަކަށް ހުޅުވައި ނުލައި އަދި އެއްބަސްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިއްސާ އޮންނަ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ފެނަކައަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެ އޮޑިޓް ރިޕޯޓާ ގުޅިގެން ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސައީދު މިއަދު ވިދާޅުވެފައިވަނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކޯޕަރޭޝަންގެ ބޭނުމަށް ކުރެވިފައިވާ އެންމެހައި ޕްރޮކިއުމަންޓް މުޢާމަލާތްތައް ކުރިއަށް ގެންގޮސްފައިވާނީ ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހައި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން އެކަށައަޅާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސައީދު ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލައަކީ، 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ މައްސަލައިގައި ސައީދުގެ މައްޗަށް 26 ޑިސެމްބަރު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެ އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.