މުހައްމަދު މަލީހު ޖަމާލް

އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނަން: މަލީހު

މުއާވިޔަތު އަންވަރު

1

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް ކައުންސިލް އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރެއްވި ކުރީގެ ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ކޯލިޝަނުގެ އިސް ފަރާތްތަކާއި އެކު މަލީހު އިންނެވި ފޮޓޯއާ ގުޅިގެން 'ވަން' އާ ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، އޭނާ އަކީ އަދިވެސް ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށެވެ. އަދި ޖޭޕީގެ ކެންޑިޑޭޓުން ކުރިމަތި ނުލާ ދާއިރާތަކުން ދެން ތާއިދު ކުރައްވާނީ އެމްޑީޕީއާ އިދިކޮޅު ކެންޑިޑޭޓުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ފޮޓޯއަކީ އޭނާ ނިސްބަތްވާ ފުވައްމުލަކު ކައުންސިލަށް ކުރިމަތިލާފައިވާ އިދިކޮޅު ކެންޑިޑޭޓުން ބޭއްވި އިވެންޓެއްގެ އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ނެތް ދިމަ ދިމާލުގައި ތާއިދު ކުރާނީ އެމްޑީޕީ ފިޔަވައި ދެން ތިބި ކެންޑިޑޭޓުންނަށް. އިދިކޮޅު ކެނޑިޑޭޓުންނަށް. އެއީ ޕީޕީއެމް ކަމުގައި ވިޔަސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމް ކަމުގައި ވިޔަސް އަދާލަތު ޕާޓީގެ ކެންޑިޑޭޓުން ވިޔަސް،" މަލީހު ވިދާޅުވި އެވެ.

ސަބަބެއް ކަމަށް މަލީހު ވިދާޅުވީ، އޭނާ އަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމަކަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ބޭފުޅަކަށް ކަމަށް ވުން ކަމަށެވެ. އެއީ އެމްޑީޕީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށް ބަރުލަމާނީ ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލު ކުރެއްވުމަށް އިތުރު ބާރަކަށް ވެގެން ދާނެ ކަމަށް މަލީހް ވިދާޅުވި އެވެ. އަދި އެ ފުރުސަތު ދެއްވުމަށް ބޭނުން ނުވާކަން ފާހަގަކުރެއްވި އެވެ.

"ލޯކަލް ކައުންސިލް އެމްޑީޕީއަށް ދީފި ނަމަ ވަރަށް ވަރުގަދަ ހުދުމުހްތާރު ވެރިކަމެއް ރާއްޖޭގައި ގާއިމުވުމަށް މަގުފަހި އެބަ ވޭ،" މަލީހު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވެއްޖެ ނަމަ ހުދުމުހްތާރު ވެރިކަމަކަށް މަގުފަހިވެގެންދާ ސަބަބު ވެސް މަލީހު ވިދާޅުވިއެވެ. އެއީ ރައިސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް އާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ތިއްބެވީ ވެސް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެމްޑީޕީން މިހާރު ބޭނުންވަނީ ކައުންސިލް އިންތިހާބު ކާމިޔާބު ކޮށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސަކަށް ވެސް އެ ޕާޓީގެ މެންބަރެއް އައްޔަނު ކުރަން ކަމަށް މަލީހު ތުހުމަތު ކުރެއްވި އެވެ. މިހާރު އެލްޖީއޭގެ ރައީސަކަށް ހުންނަވީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އެވެ.

"އެ ފުރުސަތު ދީފި ކަމުގައިވަނީ ނަމަ ހަމަ ހަގީގަތުގައި ވެސް ހުރިހާ ބާރެއް އެކުވެ ހުދުމުހްތާރު ވެރިކަމެއް ފެށިގެން ދާނެ،" މަލީހު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުފުޅުވަނީ ދައުރުގެ ބާކީ އޮތް ބަޔަށް ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރުކަން ކުރަން ކަމަށް މަލީހު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގޮތް ބޭނުންފުޅު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ނަޝީދަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް މަލީހު ވިދާޅުވި އެވެ. އެކަމަށް ހުރަސް އެޅުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

"ރައީސް ނަޝީދު އިސްކުރައްވައިގެން އެ އުޅުއްވަނީ ރައީސް ނަޝީދުގެ އަމިއްލަ މަސަލަހަތު. ގައުމީ މަސްލަހަތެއް ނޫން،" މަލީހު ވިދާޅުވި އެވެ.