އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެންޗެސްޓާ ޑާބީ މެޗު، 2-0 ނަތީޖާ އަކުން ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، ރޭގެ މެޗުން ސިޓީ ބަލިވެފައި ވަނީ އެޓީމުން 21 މެޗުން މޮޅު ވެ ދަމަހައްޓަމުން އައި ސިލްސިލާއަކަށްފަހުއެވެ. ރޭގެ މެޗުގެ ކުރިން ސިޓީ އެންމެ ފަހުން ބަލިވީ މިދިޔަ ނޮވެމްބަރު މަހު ޓޮޓެންހަމް ދަނޑުގައެވެ. ޑިސެމްބަރު މަހު 15 ގައި ވެސްޓް ބްރޮމްއާ އެއްވަރުވި ފަހުން ސިޓީ ހުރިހާ މުބާރާތެއްގައި ކުޅުނު 21 މެޗުން ވަނީ މޮޅުވެފައެވެ. އޭގެ ތެރޭގައި ލީގުގައި ޖެހިޖެހިގެން ހޯދި 15 މޮޅާއެކު ސިޓީ އޮތީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓް ލީޑެއްގައެވެ.
ސިޓީ އަތުން ހޯދި މޮޅާ އެކު ޔުނައިޓެޑުން ވަނީ އެޓީމުން އަވޭގައި ދަމަހައްޓަމުން އައި ރެކޯޑު ދަމަހައްޓާފައެވެ. ލީގުގައި އަވޭގައި ބަލިނުވެ 22 މެޗު ހަމަކުރިއިރު، ޔުނައިޓެޑް އަލުން ދެ ވަނައަށް އެރީ 28 މެޗުން 54 ޕޮއިންޓް ހަަމަކޮށްގެންނެވެ.
މެޗުގެ ފުރަތަމަ މިނެޓްގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބްރޫނޯ ފެނާންޑޭސްއެވެ. އެއީ ސިޓީގެ ގަބްރިއެލް ޖީސޫސް، އަމިއްލަ އޭރިއާ ތެރެއިން ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް، ސިޓީން އެޓީމުގެ ސްޓައިލްގައި ޑޮމިނޭޓް ކޮށްގެން ކުޅެމުން ދިޔައެވެ. ރަހީމް ސްޓާލިން އާއި އިލްކާއި ގުންޑޮގާން އަދި ކެވިން ޑިބްރޭނާގެ ފަރާތުން ހަމަލާތައް ފެނިގެން ގޮސްފައިވާއިރު ދެވަނަ ހާފުގެ ކުރީކޮޅުގައި ސިޓީގެ ރޮޑްރީ ފޮނުވާލި ޝޮޓެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.
ޔުނައިޓެޑުން ލީޑު ފުޅާކުރީ މެޗުގެ 50 ވަނަ މިނެޓްގައެވެ. ކައުންޓަ އެޓޭކެއްގައި އޭރިއާތެރެއިން މާކަސް ރެޝްފޯޑް ދިން ބޯޅައެއް ޑިފެންޑަރު ލޫކް ޝޯ ވަނީ ތިރިތިރިން ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައި، މެޗުގެ ދެވަނަ ގޯލް ޖަހައިދީފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު