ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން މިދިޔަ އަހަރު 103،000 މީހުން ހިދުމަތް ހޯދި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ މެންބަރުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން ރޭ ލ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ގަމު ހޮސްޕިޓަލަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެގޮތުން އެ ހޮސްޕިޓަލު، ޓާޝިއަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މުޅިން އަލަށް އީއެންޓީ ޑިޕާޓްމެންޓަށް ބޭނުންވާ ސެޓަޕް ހަދައި، އެތަނަށް ބޭނުންވާ އިކުއިޕްމެންޓްސް އާއި ލޮލުގެ ޑިޕާޓްމަންޓާއި އައިސީޔޫ އާއި ފިޒިއޯ ޑިޕާޓްމެންޓް އަދި ލެބޯޓަރީއަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ހޮސްޕިޓަލަށް ގެނެވުނު ބަދަލުތަކުގެ ނަތީޖާތައް މިހާރު ފެންނަމުން އަންނައިރު، 2020 ވަނަ އަހަރު ވެސް އެ ހޮސްޕިޓަލުގެ އޯޕީޑީން 103،000 މީހުން ހިދުމަތް ހޯދާފައިވާ ކަމަށެވެ.
ލ. ގަމު ހޮސްޕިޓަލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ، އެ ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެތަނުގެ މުވައްޒަފުން ވެސް އިތުރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މުވައްޒަފުންގެ އަދަދު 189 އިން 255 އަށް އިތުރުކޮށްފައިވާއިރު އެ ހޮސްޕިޓަލުގައި މިވަގުތު 19 ސްޕެޝަލިސްޓުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ލ. ގަމު ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްގީ ކުރަމުން އަންނައިރު، ގަމުގައި ކެންސަރު ހޮސްޕިޓަލެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ. ކެންސަރު ހޮސްޕިޓަލު އިމާރާތްކުރުމަށް މިއަހަރުގެ ބަޖެޓުގައި 98 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.