އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން 39 މީހަކު ހައްޔަރުކޮށްފިއެވެ.
މި މުޒާހަރާއަކީ ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްގުތައް ހޯދުމަށް "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ.
އިދިކޮޅުން މިއަދު މާލޭގައި މުޒާހަރާ ކޮށްފައިވާ އިރު، މުޒާހަރާތަކާއި އެއްވުންތަކަށް ޖާގަ ނުދޭނެ ކަމަށް ފުލުހުން ކުރީން ވަނީ ބުނެފައެވެ. މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އިދިކޮޅު ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދާއި ގްރީން ޒޯން ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ނަމަވެސް އިދިކޮޅުން ވަނީ މާލޭގެ ދެ ސަރަހައްދަކަށް އެއްވެ މުޒާހަރާކޮށްފައެވެ.
ފުލުހުން ބުނީ އިދިކޮޅުގެ މުޒާހަރާގެ ތެރެއިން 39 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިދިކޮޅުން ބުނި ގޮތުގައި ހައްޔަރުކުރި ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފައެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ އިރު، އެއްވުންތަކާއި ހަފްލާތަކާއި ޖަލްސާތަކާއި މުޒާހަރާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި މާލޭ ސަރަހައްދުގައި ފަސް މީހުންނަށް ވުރެ ގިނައިން އެއް ނުވެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކަނޑައަޅައިފައެވެ.
ފުލުހުން ބުނީ، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެގޮތުން އެއްވުންތައް ކުރިއަށްގެންދާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު