ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ހަމަވަންދެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމަކީ އެމަނިކުފާނު ވިސްނާވަޑައިގަތުން ރަނގަޅު ކަމެއް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުރުގެ ބާކީ އޮތް ދުވަސްތަކަށް އެއްކޮށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމާ މެދު ރައީސް ސޯލިހު ވިސްނާވަޑައިގަތުން މުހިންމު ކަމަށާއި އެ މުއްދަތުގައި ދިވެހި ރައްޔިތުންނަށް ބޭރަށް ނުކުމެވޭނީ ފުލުހުންގެ ހުއްދައާ އެކުގައި ކަމަށް ހެދުމަށް ވިސްނުންވެސް ރަނގަޅު ކަމަށެވެ.
"އަދި އެ މުއްދަތުގެ ތެރޭގައި އެމްސީ ހަމީދުގެ ބެލުމުގެ ދަށުން ނޫނީ ދިވެހި ރައްޔިތުން މަގު މައްޗަށް ނުކުތުން މަނާކުރުން ވިސްނާލުން ރަނގަޅުކަމެއް ނޫންތޯ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.
ވެރިކަމުގެ ދައުރު ނިމެންދެން ސިއްހީ ނުރައްކަލުގެ ހާލަތު ދަންމާލުމަށް ރައީސް ސޯލިހަށް މަޖާޒީ ގޮތަކަށް އަބްދުއްރަހީމް ހިޔާލު ހުށަހަޅުއްވާފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި ބާއްވާ އެއްވުންތައް ފުލުހުން އަންނަނީ ރޫޅާލަމުންނެވެ. ފުލުހުން ބުނީ، މި ދުވަސްވަރަކީ ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކޮވިޑް ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާއިފައިވާ ދުވަސްވަރެއް ކަމުން އެއްވެސް ކަހަލަގެ އެއްވުމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އެއްވުންތައް ބާއްވަނީ ނަމަ އެ ބާއްވާ ބަޔަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެއްވުންތައް ބޭއްވުމަށް ފުލުހުން ހުރަސް އެޅި ނަމަވެސް އިދިކޮޅުން އަންނަނީ ސިސްސިލާކޮށް މާލޭގައި އެއްވުންތައް ބާއްވަމުންނެވެ. އެގޮތުން މިއަދުވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް އިދިކޮޅު ސަޕޯޓަރުން އެއްވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު