މިފަހަރު ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ހޮވިއްޖެނަމަ މާލޭގެ ރައްޔިތުންނަށް ބަންޑާރަ ބިމުން ގޯތި ހިލޭ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާންގެ ބިމާ ބެހޭ ސިޔާސަތު ޓުވީޓް ކުރައްވައި ވިދާޅުވީ ބަންޑާރަ ބިން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިއްސާކުރެވޭނީ ގާނޫނަށް ބަދަލު ގެނެވިގެން ކަމަށެވެ. އަދި އެކަން ކުރާނީ ރައްޔިތުންގެ މާލޭ މެންބަރުން ބިމާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހަކުން ކަމަށްވެސް ވިދާޅުވިއެވެ.
އަލްހާންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ވަނީ މާލޭގެ އަސްލު ރަށްވެހިންނަށް ހުޅުމާލޭ އަވަށުގެ ހިއްކި ބިމުގެ ޖާގަ އޮތް މިންވަރަކުން ދިރިއުޅުމަށްޓަކައި ގެދޮރު ބިނާ ކުރާނެ ކަމަށެވެ.
"ބަންޑާރަ ބިން ހިލޭ ދޫކުރާނަން. ބިން ނުދެވޭ ފަރާތްތަކަށް ބަންޑާރަ ބިމުގައި އެއްމެދު އިމާރާތްކޮށް، ފްލެޓް ދީގެން ވިޔަސް ބޯހިޔާވަހިކަން ކަށަވަރު ކޮށްދީ ބިންވެރި ކުރުވާނަން،" އަލްހާންގެ ވައުދުތަކުގައިވެއެވެ.
އޭނާގެ މޭޔަރުކަމުގައި މާލޭ ދަފްތަރު އުވާލާނެ ކަމަށާއި އަދި އެމީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭން 10،000 ގޯތި ހިލޭ ދޭނެ ކަމަށެވެ. އަދި ޓެކުހާ ނުލައި 600 އަކަފޫޓްގެ ބިން ދޫކުރުމަކީވެސް އަލްހާންގެ ވައުދެކެވެ.
މި އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަލްހާނުގެ އިތުރުން މާލެ ސިޓީ ކައުންސިލް މޭޔަރުކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ފަރާތުން އަނަސް އަބްދުއްސައްތާރު ވެސް ވާދަކުރައްވައެވެ.
އަލްހާން ފަހުމީ
އަލްހާން ފަހުމީ
އަލްހާން ފަހުމީ