ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ، ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީން ކުރެ ކޮންމެ މީހެއްގެ މައްޗަށް އުފުލާފައިވާ ޓެކުމުގެ 13 ދައުވާ އަނބުރާ ގެންގޮސްފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، އިންވެސްޓަރުންނަށް މަންފާލިބޭނެކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ޝަހުބާން، އަލްހާން އަދި ޝަޒްބާންގެ މައްޗަށް ދައުވާކުރަން ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހުގައެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ދައުވާ ލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެން ޖެހޭ 13 ފަރާތަށް ބަދަލުދީ ހަލާސްކޮށްފައިވާކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖައާކޮށްދިނުމަށް އަލްހާން، ޝަހުބާން އަދި ޝަޒްބާންގެ ފަރާތުން އެދިފައިވާ ކަމަށެވެ.

"އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު، މި މައްސަލައިގައި ބަދަލު ލިބޭން ޖެހޭ މީހުންނަށް ބަދަލު ލިބިފައިވާކަން ކަށަވަރުވެފައިވެއެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުން ނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ" ޕީޖީ އޮފީހުން ބުންޏެވެ.

"މިއާއެކު، މި މައްސަލައިގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް، ލިބެން ޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީ އާއި، މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުން ނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވުމުން، މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދައުވާތައް (ޓެކުމުގެ ކުށުގެ 13 ދައުވާ) އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ، އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވާނީ ނިންމައިފައެވެ"

ނަމަވެސް، މި މައްސަލައިގައި ބަދަލު ލިބެން ޖެހޭ އިތުރު މީހުންގެ ބައިތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ބައިތަކުގައި ދައުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެހެންކަމުން، މި މައްސަލައިގައި ބަދަލު ލިބެން ޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްދާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަލްހާން، ޝަހުބާން އަދި ޝަޒްބާނަށް ކުރާ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންދިޔައިރު ޓެކުމުގެ ހުރިހާ ދައުވާތަކަށް އެ ތިން މީހުން ވަނީ އިންކާރުކޮށްފައެވެ. އަދި ވަނީ ކުންފުނީގެ ގާނޫނުގައި ބަޔާންކުރާ "ކޯޕަރޭޓް ވެއިލް"ގެ ދަށުން މައްސަލަ ބޭރުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ކުރިމިނަލް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން ކުންފުނިން ހިންގާ ޖިނާއީ އަމަލަކާ ގުޅިގެން ދައުވާ ކުރަން ޖެހޭނީ އެ ކުންފުންޏަކަށް ކަމަށާއި އެ ކުންފުންޏެއްގެ ހިއްސާދާރުންނާއި ޑިރެކްޓަރުން ޒިންމާވާން ނުޖެހޭނެ އެވެ. އެއީ ކޯޕަރޭޓް ވެއިލް އެވެ. ނަމަވެސް ބައެެއް ހާލަތްތަކުގައި އަދި މައްސަލަތަކުގައި ކޯޕަރޭޓް ވެއިލް ދިފާއެއްގެ ގޮތުގައި ބޭނުމެއް ނުކުރެވޭނެއެވެ،

ކުރިމިނަލް ކޯޓުން މައްސަލަ ކުރިއަށް ގެންދަން ނިންމުމުން އެ ތިން މީހުންގެ ފަރާތުންވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުން މިއަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހު ނިންމީ އަލްހާނާއި ޝަހުބާން އަދި ޝަޒްބާންގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށާއި ކުރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.