ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ހިންގި "ކޮޕީ ޓްރޭޑިން ސްކީމް" ގައި އިންވެސްޓު ކުރި މީހަކަށް ފަސްލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެެވެ.

މި މައްސަލައިގައި ކިންގްސް ކެޕިޓަލް ހޯލްޑިންސް އާއި އަލްހާން ފަހުމީ އާއި އޭނާގެ ކޮށްކޮ ޝަހުބާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރީ ހއ. ހޯރަފުށީ ހުސްނުހީނާގެ އަޖުވަދު އަޝްރަފެވެ.

މި ދައުވާގައި އޭނާ އެދިފައިވަނީ ދެ ފަހަރެއްގެ މަތިން އެ ސްކީމްގައި އިންވެސްޓް ކުރި ރުފިޔާ އާއި އެ އިންވެސްޓްމަންޓްގެ ފައިދާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ އާއި އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވާ ފައިސާ އާއެކު ޖުމްލަ 587،466 ރުފިޔާ، ކިންގްސް ކެޕިޓަލް ހޯލްޑިންސް އާއި އަލްހާން ފަހުމީ އާއި އޭނާގެ ކޮށްކޮ ޝަހުބާން ފަހުމީގެ އަތުން ހޯދުމަށެވެ.

މި މައްސަލައާ ގުޅިގެން މައްސަލައިގެ ދައުވާ ފޯމާއި ލިޔެކިއުންތައް ދައުވާ ލިބޭ ފަރާތްތަކަށް ރައްދު ކުރުމަށް ކޯޓުން މަސައްކަތް ކުރި ނަމަވެސް ދީފައިވާ އެޑްރެސް މެދުވެރިކޮށް އެ ލިޔެކިއުންތައް އެ ފަރާތްތަކަށް ރައްދު ނުކުރެވުނު ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އަދި ދައުވާ ލިބޭ ފަރާތްތަކުން ކޯޓަށް ހާޒިރު ވުމަށާއި އެ ފަރާތްތަކުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ ގައިރު ހާޒިރުގައި މައްސަލަ ހިންގައި ނިންމާނެ ކަމަށް އިއުލާން ކުރިއެވެ. އެވަރުންވެސް އެފަރާތްތައް ކޯޓަށް ހާޒިރު ނުވުމުން މި މައްސަލައިގައި އެ ފަރާތްތަކުގެ ގައިރު ހާޒިޒުގައި ހުކުމް ކުރިއެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ކޮޕީ ޓްރޭޑް ކުރުމަށް އަޖުވަދު އަޝްރަފް އިންވެސްޓް ކުރި 20،000 ރުފިޔާ އާއި 100،000 ރުފިޔާގެ ފައިދާގެ ގޮތުގައި މިހާތަނަށް ނުލިބިވާ 360،000 ރުފިޔާ އާއި 30،840 ރުފިޔާ އާއި ގާނޫނީ ފީގެ ހަރަދުގެ ގޮތުގައި 76،626 ރުފިޔާ އަކީ ކިންގްސް ކެޕިޓަލް ހޯލްޑިންސްގްސް އާއި އަލްހާން ފަހުމީ އާއި އޭނާގެ ކޮށްކޮ ޝަހުބާން ފަހުމީގެ ފަރާތުން އަޖުވަދަށް ދޭންޖެހޭ ފައިސާއެއްކަން ކޯޓަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން މި ފައިސާ އަޝްރަފަށް ލިބިދިނުމުގެ ގޮތުން 15 ދުވަހުގެ ތެރޭގައި މި ފައިސާ ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް އެފަރާތްތަކަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ހުކުމް ކޮށްފައި މިވަނީ، އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ، ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީން ކުރެ ކޮންމެ މީހެއްގެ މައްޗަށް އުފުލާފައިވާ ޓެކުމުގެ 13 ދައުވާ އަނބުރާ ގެންގޮސްފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައި ވަނިކޮށެވެ.

ޕީޖީ އެފީހުން މިގޮތަށް ބުނީ މިދިޔަ 30 އޮކްޓޫބަރުގައެވެ.