ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ، ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީން ކުރެ ކޮންމެ މީހެއްގެ މައްޗަށް ދައުލަތުން ކުރާ ޓެކުމުގެ 13 ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި މި އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެ ތިން މީހުންގެ ފަރާތުން ވަނީ ކުންފުންޏާބެހޭ ގާނޫނާ ހަވާލާދީ ދައުވާތައް ބޭރުކޮށްދިނުމަށް އެދިފައެވެ. އަލްހާންގެ ވަކީލު އަލީ ސައީދު ވިދާޅުވެފައިވަނީ ދައުލަތުން އޭނާގެ މުވައްކިލުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ކުންފުންޏަކުން ހިންގި އަމަލެއް ކަމަށެވެ. ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން ކުންފުނިތަކަކީ ގާނޫނީ ވަކި ޝަހުޝެއް ކަމަށާއި ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން ކުންފުންޏަކުން ހިންގާ އަމަލެއްގެ ޒިންމާ އުފުލަންވާނީ އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ސައީދު ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން ސަން ކުންފުނީގެ މައްޗަށް ދައުވާކޮށްފައިވާއިރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތާ ގުޅިގެންވެސް ދައުލަތުން ދައުވާކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ކުންފުންޏަށް ކަމަށެވެ. އެ އުސޫލުން ބަލާއިރު މި މައްސަލައިގައި އަލްހާނަށް ދައުވާ ކުރުމުގެ ބަދަލުގައި ދައުވާކުރަން ޖެހޭނީ ކިންގްސް ކެޕިޓަލްސްގެ މައްޗަށް ކަމަށް އަލީ ސައީދު ވިދާޅުވިއެވެ.

ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން ކުންފުނިން ހިންގާ ޖިނާއީ އަމަލަކާ ގުޅިގެން ދައުވާ ކުރަން ޖެހޭނީ އެ ކުންފުންޏަކަށް ކަމަށާއި އެ ކުންފުންޏެއްގެ ހިއްސާދާރުންނާއި ޑިރެކްޓަރުން ޒިންމާވާން ނުޖެހޭނެ ކަމަށް އަލީ ސައީދު ވިދާޅުވެފައިވެއެވެ.

ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ ވަކީލު އާޒިމާ ޝުކޫރު ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނުތަކުގައި ވަނީ ކޯޕަރޭޓް ވެއިލް ބަޔާންކޮށްފައިވާ ކަމަށެވެ. ކޯޕަރޭޓް ވެއިލްއަކީ ކުންފުންޏަކުން ހިންގާ ކުށެއްގެ ޒިންމާ އެ ކުންފުންޏެއްގެ ހިއްސާދާރުންނާއި ޑިރެކްޓަރުން އުފުލަން ނުޖެހުމެވެ.

އާޒިމާ ވިދާޅުވެފައިވަނީ ކުންފުނީގެ އަމަލަކަށް އެ ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުން ޒިންމާ ކުރުވޭނީ ކޯޕަރޭޓް ވެއިލް ނަގާ ހާލަތުގައި ކަމަށާއި އެ ހާލަތަކީ ކުންފުނި ބޭނުންކޮށްގެން މަކަރާއި ހީލަތް ހަދާ ކަމަށް ސާބިތުކުރެވޭ ހާލަތްތައް ކަމަށެވެ.

ދައުވާ ލިބޭ ފަރާތްތަކުން ފާހަގަކުރި އެ ކަންކަމަށް ބިނާކޮށް މައްސަލަ ބޭރު ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުން ތިން މީހުންގެ ފަރާތުން ވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި ބެލެހެއްޓެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ހުކުމުގެ ރައުޔުގައި ވިދާޅުވީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ހުށަހެޅޭ ހުށަހެޅުންތައް މިނެކިރާނެ ގޮތް ނުވަތަ ވަޒަންކުރާނެ ގޮތުގެ އިރުޝާދު ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ތެރެއިން މައްސަލައިގެ މައުލޫއަށް ސީދާ އަސަރުކުރާ ފަދަ މޭރުމަކުން ގޮތެއް ނިންމިދާނެ ކަމަށް ނުދެކޭ ކަމަށާއި ސަބަބަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގައި މައްސަލައިގެ މައުލޫއަށް ސީދާ އަސަރުކުރާ ފަދަ ގޮތަކަށް މައްސަލަ ނިންމާ ނަމަ، މައްސަލައިގެ ޝަރީއަތް ފެށެންވާއިރަށް ގޮތެއް ކަނޑައަޅާނެ ކަންކަން ނެތިގެން ގޮސްދާނެތީ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ ޝަރީއަތުގެ ކުރިއަށް އަންނަ މަރުހަލާގައި ޝަރީއަތުގެ ތެރޭގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމަށް ގޮތް ކަނޑައެޅުމުގެ ނަތީޖާއަކީ ގާނޫނުން ލާޒިމުކުރާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ބަހުސެއް ނުވަތަ ދިރާސާއެއް ނުކުރެވ،ި މައްސަލައާ ސީދާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅިގެން ދިއުން ކަމަށެވެ.

ޝަރީއަތް ކުރުމެއް ނެތި ޝަރީއަތުގެ ކުރިން ނިންމާ ނިންމުންތަކުގެ ތެރޭގައި ދެ ފަރާތުގެ ދެމެދު ގާނޫނީ ގޮތުން ހިޔާލު ތަފާތުވާ ކަންކަމުގައި ގޮތެއް ނިންމިދާނެ ކަމަށް ނުދެކޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

"ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ކަނޑައެޅުމުގައި ބެލުންތައް ބަލަންޖެހޭ މިންގަނޑާ ގުޅޭ ގޮތުން، އެހެނ،ީ އެފަދަ ހުށަހެޅުންތަކާ ގުޅިގެން ނިންމާ ނިންމުންތަކަކީ މައްސަލައިގެ މައުލޫއަށް ފީނުމުގެ ބަދަލުގައި، މަތިމަތިން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ނިންމުންތަކެއްކަމާއި ޝަރީއަތް ކުރުމެއް ނެތި ޝަރީއަތުގެ ކުރިން ނިންމާ ނިންމުންތަކުގެ ތެރޭގައި ދެ ފަރާތުގެ ދެމެދު ގާނޫނީ ގޮތުން ހިޔާލު ތަފާތުވާ ކަންކަމުގައި ގޮތެއް ނުނިންމޭނެ ކަމަށް ކަނޑައަޅާފައިވާ އުސޫލަކީ މި މައްސަލައަށްވެސް ތަތުބީގު ކުރެވޭނެ އުސޫލެއްކަމުގައި ދެކެމެވެ" ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

އެހެންވެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ޝަރީއަތް ފެށުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތްތަކުން އުފައްދާފައިވާ ބަހުސަކީ ކުންފުނީގެ ކޯޕަރަޕޭޓް ވެއިލް ނުނަގާ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދައުވާކުރެވޭނެތޯ އަދި ކުންފުނީގެ ނަމުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ކުންފުނީގެ ހިއްސާދާރުން/ މުވައްޒަފުން ފަރުދީ ގޮތުން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނެތޯ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"މި ބަހުސްތަކަކީ މައްސަލަ މައުލޫއީ ގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ކަންކަމެއް ނޫން ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ގާނޫނީ އުސޫލާ ހިލާފަށްކަމުގައި ނުދެކެމެވެ" ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

އިސްތިއުނާފީ ނުކުތާގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅައި ޖަދަލުކުރާކަމަކީ މި މައްސަލައިގައި ދައުވާ ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާއިރު، ދައުވާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް އިސްތިއުނާފު ކުރެވޭ ނިންމުމަށް ބަލާއިރު، އެފަދައިން ކަނޑައެޅިގެން ދަށު ކޯޓުގެ ނިންމުމުން ނިންމާފައިވާ ތަނެއް ފެންނާކަށް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެކަންތައް ފާހަގަކުރައްވައި ފަނޑިޔާރު ހުޒައިފާ ރައުޔު ކަނޑައެޅުއްވީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރާނެ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމުމަށެވެ. އެ މައްސަލައަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ތާއީދު ކުރެއްވިއެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލައިގައި ކުރެއްވި ހުކުމުގައި ފަނޑިޔާރު ހުޒައިފާ ވިދާޅުވީ ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރާނެ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.