ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން މިއަދު 7،712 މީހަކު ވެކްސިން ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި 7،712 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އެއާއެކު މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 137،124 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 3،568 މީހަކު ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖެހީ 4،144 މީހެކެވެ. މިހާތަނަށް ވެކްސިން ޖެހި ޖުމުލަ މީހުންގެ ތެރެއިން މާލެއިން 8،4891 މީހަކު، އަތޮޅުތެރެއިން 52،233 މީހަކު ވެކްސިން ޖަހާފައިވެއެވެ.

މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް އަންނަނީ ވެކްސިން ދެމުންނެވެ.

ރާއްޖޭގައި ޖަހަމުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާ އިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެ ވެކްސިންގެ އިތުރުން ރާއްޖެއަށް 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައިވާއިރު ޗައިނާ އިން ވެސް ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފަ އެވެ.