ހިޔާ މަޝްރޫއުގެ 7000 ފްލެޓް ގެ މައްސަލަ ބަލަން މި ސަރުކާރުން ހަވާލު ކުރި ފްލެޓް ކޮމިޓީން އެ މަސައްކަތް ކޮށްފައިވަނީ އެ ކޮމެޓީއާ ހަވާލުކުރި މަސައްކަތްތަކުގެ މެއިންޑޭޓުގެ ތެރެއިން ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަން މިހެން ވިދާޅުވީ، ހިޔާ މަޝްރޫއުން ފްލެޓް ދިން ގޮތާމެދު ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން، އެ ކަން ހިނގާފައިވާގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރު ކުރުމުން އެކަމާބެހޭ ގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އިތުރު ކުރެޓީރިއާއެއް ކަނޑައެޅުމުގެ ބަދަލުގައި، އަދި ފްލެޓަށް އަލުން ކުރިމަތިލުމަށް ހުޅުވާ ލުމުގެ ބަދަލުގައި، ކުރީ ސަރުކާރުގައި ހުޅުވާލި ފުރުސަތުގައި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުވޭޓް ކުރަން ސަރުކާރުން ނިންމީ ރަނގަޅަކަށް ކަމަށެވެ.

އެގޮތުން އެ މަސައްކަތް ފްލެޓް ކޮމިޓީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔައިރު، ކޮމިޓީން އެކަން ކުރީ ކެޓަގަރީތައް ބަދަލު ނުކޮށް، އެމީހަކު ކުރިމަތިލި ކެޓަގަރީއަކުން އެމީހެއްގެ މައުލޫމާތު އޮޅުން ފިލުވައި އެމީހަކަަށް ހައްގު ޕޮއިޓް ލިބޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެއާއެކު ކޮންމެ ކެޓަގަރީއަކުން ވެސް މަދުވެގެން 50 ޕޮއިންޓް ނުލިބޭ ފަރާތަކަށް ފްލެޓް ނުދޭގޮތަށް އެކަން ކުރިއަށްގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ފްލެޓް ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ، އެ ކޮމިޓީއާ ހަވާލުކުރި މެއިންޑޭޓްގެ ތެރެއިން ކަމަށެވެ. އަދި އެމަސައްކަތް ކުރިއަށް ގެންދިޔައިރު، އެކަމަށް ބޭނުންވާ ލިއުންތައް ހޯދުމުގައި ކޮމިޓީއަށް ދިމާވި ދަތި އުނދަގޫތައްވެސް އަސްލަމް ފާހަގަ ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، ފްލެޓް ކޮމިޓީއާމެދު ޔަގީންކަން އޮންނަ ކަމަށާއި އެ ކޮމިޓީގެ މަސައްކަތާމެދު ޝައްކު ނުކުރާ ކަމަށެވެ.