ހިޔާ މަޝްރޫއުގެ 7000 ފްލެޓު ދިނުމަށް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ޕޮއިންޓް ދީފައިވާއިރު، ދިރިއުޅުމުގެ ހާލަތާ ބެހޭގޮތުން އެއްވެސް އެއްޗެއްް ލިޔެފައި ނެތް ބައެއް ފޯމުތަކަށް ވެސް އެ ބައިން ފުލް މާކްސް ދީފައިވާ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިން ގޮތާމެދު ގިނަ ރައްޔިތުން ތަކެ ޝަކުވާ ކުރަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކުރުމުން، ކަން ހިނގާފައިވާގޮތް އޮޅުންފިލުއްވައިދެއްވަމުން ތޯހާ މިއަދު ވިދާޅުވީ، ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ހުރިހާ ފޯމުތަކެއް އެ ކޮމިޓީގެ މެންބަރުން ވަކިވައިން އިވެލުވޭޓް ކޮށްފައިވާ ކަމަށެވެ.

ފޯމުތަކުގެ މައްސަލަ ބަލަމުންދިޔައިރު އެންމެ ބޮޑު މައްސަލައަކަށް ދިމާވީ، ސިވިލް ސާވިސް ކެޓަގަރީ ފިޔަވައި، ދެން ހުރި ހުރިހާ ކެޓަގަރީއެއްގައި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާއިރު، ޕޮއިންޓް ދޭނެ އުސޫލެއް ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނުކުޅެދޭބައިން ދިރިއުޅުމުގެ ހާލަތަށް 60 ޕޮއިން، މާލެ މީހުންގެ ކެޓަގަރީއަށް 40 ޕޮއިންޓް، އަދި 18 އަހަރާއި 40 އަހަރާ ދެމެދުގެ ކެތަގަރީއަށް 30 ޕޮއިންޓް ކަނޑައަޅާފައި އޮތް ކަމަށެވެ.

" ދިރިއުޅުމުގެ ހާލަތަށް ވަކި އަދަދަކަށް ޕޮއިންޓް ދޭން އޮވޭ، އަދި ވަކި އަދަދަކަށް ޕޮއިންޓް ދީފައިވެސް އޮވޭ، އެކަމަކު ކޮން އުސޫލަކުންކަމެއް ބަޔާންކޮށްފައެއް ނޯވޭ،" ތޯހާ ވިދާޅުވިއެވެ.

ތޯހާ ވިދާޅުވީ، އެކަމާބެހޭގޮތުން ހައުސިން މިނިސްޓްރީގެ އިދާރީ މުވައޒިފުންގެ ފަރާތުން މައުލުމާތު އޮޅުން ފިލުވުމުން، އެ ބައިން ޕޮއިންޓް ދެނީ ހައުސިން މިނިސްޓްރީގައި އޮންނަ ކެބިނެޓް މިނިސްޓަރުންގެ ބިއުރޯކުން ކަމަށް ބުނެފައިވާކަމަށެވެ.

އެ ބިއުރޯން ޕޮއިންޓް ދީފައި ވަނީ، ފްލެޓް ފޯމާއެކު ދިރިއުޅުމުގެ ހާލަތު ބަޔާންކޮށް ހުށަހަޅަށް އޮންނަ ބަޔާނުގައި ހިމެނޭ ކަންތައްތަކަށް ބަލައިގެ ކަމަށް އެނގިފައިވާ ކަމަށް ވެސް ތޯހާ ވިދާޅުވިއެވެ.

ނަމަވެސް ބައެއް ފޯމުތައް ކޮމިޓީ މެންބަރުންނަށް ދައްކަވައި ލައްވަމުން ތޯހާ ވިދާޅުވީ، އޭގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ހުށަހަޅަން ޖެހޭ ޕޭގް ހުސްކޮށް، ދިރިއުޅުމުގެ ހާލަތާ ބެހޭގޮތުން އެއްވެސް އެއްޗެއް ހުށަހަޅާފައިނުވާ ފޯމުތަކަށް ފުލް މާކްސްވެސް ދީފައިވާ ކަމަށެވެ. ހަމަ އެގޮތަށް ދިރިއުޅުމުގެ ހާލަތު ހުށަނާޅާ ބައެއް ފޯމުތަކަށް 60 ޕޮއިންޓުން 50 ޕޮއިންޓް ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތޯހާ ވިދާޅުވީ ދިރިއުޅުމުގެ ހާލަތު ބެލުމަށް ކުރީ ސަރުކާރުން ގޭގެއަށް ޒިޔާރަތް ކޮށްފައި ނުވާ ކަމަށާއި، ދިރިއުޅުމުގެ ހާލަތު ބަލަން ފްލެޓް ކޮމިޓީން ހުރިހާ ގެއަކަށް ޒިޔާރަތް ކުރި ކަމަށެވެ.

އެކަން އެގޮތަށް ކުރަން ނިންމީ އެކަމަށް އުސޫލެއް ނެތުމުން، ދިރިއުޅުމުގެ ހާލަތު އެންމެ ރަނގަޅަށް ބެލޭނީ އެމީހަކު ދިރިއުޅޭ ތަނަށް ޒިޔާރަތްކޮށް އެކަން ބެލުމުން ކަމަށް ކޮމިޓީން ނިންމައި އެކަމަށް މިންގަޑުތަކެއްވެސް ކަނޑައަޅައިގެން ކަމަށެވެ.