ޚަބަރު

ކައުންސިލް އިންތިހާބު ބާއްވައިފި ނަމަ އެމްޑީޕީ ލަދުގަންނަވާލާނަން: އަދުރޭ

މުއާވިޔަތު އަންވަރު

1

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައިފި ނަމަ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ ލަދު ގަންނަވާލާނެ ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ އެހެން ވިދާޅުވެފައިވަނީ، ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވުމަށްފަހު ބޭރަށް ނުކުމެވަޑައިގަތުމަށްފަހު އެވެ.

އަދުރޭ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު ރަށު ބަންދު ކުރުމަށްފަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރަން ކަމަށެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ވެސް އެކަމަށް މަގު ކޮށުމަށް ކޮށްގެން އުޅޭ ދައުވާއެއްގެ ގޮތުގައި އަދުރޭ ވަނީ ސިފަކުރައްވައިފައެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައިފިއްޔާ އިރާދަ ކުރެއްވިއްޔާ އެމްޑީޕީން މި ފަހަރު ޖެހޭނީ ލަދަ ގަންނަން. އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރާނަން،" އަދުރޭ ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބާއި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ގުޅުވައިލުމަށްފަހު އަދުރޭ ވިދާޅުވީ، އެކަމުގެ މައިގަނޑު ބޭނުމަކީ ސިޔާސީ ގޮތުން އުނދަގޫ ކުރަން ކަމަށެވެ. އަދި ތުހުމަތުކުރެއްވީ، އެއީ ސަރުކާރުން އިސްވެ އޮވެ ކުރަމުން އަންނަ ކަމެއްގެ ގޮތުގައެވެ.

"އެނގިވަޑައިގަންނަވާނެ މިއީ ލޯކަލް ކައުންސިލަތަކުގެ އިންތިހާބު ދުވަސްވަރު. އެ ދުވަސްވަރު އަޅުގަނޑުމެން އެންމެން ރަށު ބަންދުކޮށްގެން އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީން މަސައްކަތް ކުރަމުން މިގެންދަނީ. ދެން އަޅުގަނޑަކީ މި ވަގުތު މި ކޯލިޝަނުގެ އެންމެ އިސްކޮށް ހުރި މީހަކަމަށް ވީމަ އަޅުގަނޑު ދެކޮޅަށް ދެމުމަށް ކުރާ ކަމެއް މިޔަކީ،" އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށްފަހު ދެން އޭނާއާ 'ދިމާކޮށްލައިގެން' އުޅެނީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރާ މަސައްކަތް ހުއްޓުވާލުމަށް ކަމަށް އަދުރޭ ވަނީ ތުހުމަތު ކުރައްވާފަ އެވެ. އެހެން ނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.