ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް މަކަރާއި ހީލަތުން ގިނަބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ މައްސަލައިގެ ތަހުގީގަށް، ސީލައިފް ގްލޯބަލްގެ އެއް ޑިރެކްޓަރު ވ. ތިނަދޫ، ރެޑްހައުސް، އާފިޔާ މޫސާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައިކޯޓުން އަމުރު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުންވެސް ނިންމައިފިއެވެ.

ފުލުހުން މީގެކުރިން ބުނެފައި ވަނީ އާފިޔާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މުއްދަތު ހަމަވާނީ މި މާޗް މަހުގެ ތިންވަނަ ދުވަހަށް ކަމަށެވެ.

މި މައްސަލައަކީ ސީލައިފާއި އެޗްޑީސީއާ ދެމެދު 3000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ގިނަ ބައެއްގެ އަތުން ގިނަ އަދެއްގެ ފައިސާ ނަގައި އެފައިސާއަށް ހިޔާނާތްތެރި ވެ، ފޯޖްކޮށްފައިވާ ބޭންކު ގެރެންޓީއެއް ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާތީ މަކަރާއި ހީލަތާއި ހިޔާނާތާއި ފޯޖަރީގެ ތުހުމަތު ކޮށްފައިވާ މައްސަލައެކެވެ.

އާފިޔާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފުރަތަމަ ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އޭނާ ރާއްޖޭގައި މަޑުކުރުވުމަށް ބޭނުންވާ ސަބަބުގެ ގޮތުގައި، މި މައްސަލައަކީ ގިނަ ބައެއްގެ މަސްލަހަތާއި، ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މައްސަލައަކަށް ވާތީ މި މައްސަލައިގެ ތަހުގީގު ނުނިމެނީސް އާފިޔާ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފިނަމަ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި، ގިނަ ބައެއްގެ ހައްގުތައް ގެއްލިދާނެކަމަށް ވަނީ ހިމަނައިފައެވެ. އަދި އެއީ ގިނަ އަދަދެއްގެ ފައިސާގެ މައްސަލައަކަށް ވާތީ އޭނާ ރާއްޖޭން ބޭރަށް ފިލައިގެން ގޮސް އެ ފައިސާއިން ރާއްޖޭން ބޭރުގައި އުޅެފާނެ ކަމަށް ފާހަގަކޮށްފައިވާ ކަމަށާއި، އޭނާ ރާއްޖެ ދޫކޮށް ދާން އުޅޭ ކަމަށް ލިބިފައިވާ ހެކީގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކުރިމިނަލްކޯޓުން ޖނެރުނު އަމުރު އާފިޔާގެ ފަރާތުން ހައިކޯޓުގައިވެސް އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ހުކުމް ކޮށްފައި ވަނީ، އާފިޔާގެ ޕާސްޕޯޓް ހިފަހައްޓާން ކުރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.

މި މައްސަލަ އާފިޔާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ، ހައިކޯޓުން ކުރި އެ ހުކުމަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ބުނެ އެ ހުކުމް ބާތިލް ކުރުމަށެވެ.

އެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން ދެންމެ ކުރި ހުކުމްގައި ބުނެފައި ވަނީ، ފާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެފައި ވަނީ އާފިޔާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތައް ކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ކުރިމިނަލް ކޯޓަށާއި، ހައިކޯޓަށް ގަބޫލު ކުރެވިގެން ކަމަށެވެ.

ޓެރަރިޒަމްގެ ކުށާއި މާލީ ކުށާއި ކޮރަޕްޝަންގެ ކުށާއި ކުޑަކުދިންނާއި އަންހެނުންނާއި ދެކޮޅަށް ކުރާ ޖިންސީ ކުށާއި މީހުން މެރުމުގެ ކުށް ފަދަ ބޮޑެތި ކުށްކުށަކީ ކުށުގެ ތުހުމަތު ކުރެވޭ މީހަކު ޝަރީއަތަށް، ނުވަތަ ތަހުގީގަށް ފިލައިފާނެކަމަށް ބެލެވޭ ކުށް ކުށް ކަމަށްވެސް ބުނެފައިވެއެވެ.

އާފިޔާގެ މައްޗަށް ތުހުމަތު ކުރެވޭ، ކުށުގައި ހިމެނޭ، މީހަކު ފިލައިގެން އުޅޭ ކަމަށް ފުލުހުން ކޯޓުގައި، ބުނާ ބުނުމަށް ބަލާއިރު އާފިޔާ މޫސާ ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭ ކަމަށް ބެލެވޭ މަގުބޫލު ސަބަބެއް އޮތްކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

އެހެންކަމުން އެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމްކޮށް އެ މައްސަލަ ވަނީ ނިންމައިފައެވެ.

ސީލައިފް ގްލޯބަލްގެ ހިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ސްރީ ލަންކާއިން ހުސްވި މަހުގެ 22 ގައި ވަނީ ހައްޔަރުކޮށްފައެވެ.