މަރުވެފައި ވަނިކޮށް ރޭ ފަތިހު އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ކޮވިޑަށް ޓެސްޓު ކުރުމުން އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހަރަކާތެއް ނެތް މީހަކު ރޭ ފަތިހު 5:30 އައިޖީއެމްއެޗް އެމަޖެންސީއަށް ގެންދިޔަ ކަމަށާއި އަދި 67 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައިވާ ކަމަށް 6:00 އިރު ހޮސިޓަލުން ނިންމާފައިވާ ކަމަށެވެ.
އޭނާގެ ސާމްޕަލް ކޮވިޑަށް ޓެސްޓް ކުރުމުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެ މަރާއެކު ރާއްޖެ އިން މަރުވި ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 63 އަށް އަރާފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ ކޮވިޑްގައި ރާއްޖެ އިން މީހަކު މަރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ ޖުމުލަ މީހުންގެ އަދަދު 20،144 އަށް އަރާފައިވާ އިރު، ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 2،605 މީހަކަށެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 186 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު، އެޗްޕީއޭއިން ބުނެފައިވަނީ، މިހާރު ވެސް ކޮވިޑް ބަލީގައި ބައެއް މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މާލޭގައި ކޮވިޑު ކޮންޓްރޯލުން ނެއްޓިފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަންނަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު