ކޮވިޑް 19 އާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އާއި ހެލްތު މިނިސްޓްރީއަށް ބޭނުންވެގެން 4128 އޮކްސިޖަން ސިލިންޑަރު ގެންނަން މޮލްޑިވް ގޭހުން ހިންގި ކަންތައްތަކުގައި 16 މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށް، އެ މައްސަލަ ބަލަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހެޅި ލިޔުންތަކުން ދައްކައިފިއެވެ.
މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (މިހާރުގެ އެކްޓިންގެ މެނެޖިންގ ޑިރެކްޓަރު) އަލީ އިކުރާމްގެ މައްޗަށް ތުހުމަތު ކުރާ މި މައްސަލައިގައި، އޮކްސިޖަން ސިލިންޑަރު ގަންނަން ދެވަނަ ފަހަރަށް، ހަވާލުކުރި ސިންގަޕޫރުގެ ޕްރޯބިޒް ކުންފުންޏާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެސްއޯއީ ކޮމިޓީން ވަނީ ތުހުމަތު ކޮށްފައެވެ.
އެ މައްސަލައާ ބެހޭ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރައްވަމުން އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، 4128 އޮކްސިޖަން ސިލިންޑަރު ހޯދަން މޯލްޑިވް ގޭސްއާ ހަވާލު ކުރުމުން، ބޭރުގެ ހަ ކުންފުންޏަކަށް ކޯޓޭޝަން ފޮނުވަން ރިކުއެސްޓް ކޮށްފައިވާ ކަމަށެވެ.
އެކަމަށް ރިކުއެސްޓް ކުރި މުއްދަތުގައި އެކަން ކޮށްދިނުމަށް ހުށަހެޅީ އެންމެ ކުންފުންޏަކުން ކަމަށާއި، މުއްދަތު ހަމަވުމަށްފަހު އިތުރު ކުންފުންޏަކުން އެކަމަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަމަށް ފުރަތަމަ ކުރިމަލި ފަރާތާ ހަވާލުކޮށްގެން 1000 ފުޅި އެކުންފުނިން ގެނައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެން ނަމަވެސް އިތުރަށް ބޭނުންވާ 3128 އޮކްސިޖަން ފުޅި ގެނައުމުގައި އެކުންފުނިން ރިކުއެސްޓް ފޮނުވުމުގައި، 1000 އޮކްސިޖަން ފުޅި ގެނައި ކުންފުންޏަށާއި އެފަހަރު މުއްދަތު ހަމަވި ފަހުން ކުރިމަތިލި ކުންފުންޏަށް ރިކުއެސްޓް ނުފޮނުވާ ކަމަށްވެސް އިލިޔާސް ލަބީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭގެ ބަދަލުގައި 3128 އޮކްސިޖަން ސިލިންޑަރު ގެންނަން ސިންގަޕޫރުގެ ޕްރޯބިޒް އާ ހަވާލު ކުރި ކަމަށެވެ. އަދި ފުރަތަމަ ކުންފުނިން މާލެއާ ހަމައަށް 1000 ފުޅި ގެނައުމަށް ފުޅިއަކަށް 253 ޑޮލަރު ހަރަދު ކޮށްފައިވާއިރު ފަހުން ހަވާލުކުރި ކުންފުނިން ގެނައި ފުޅިތަކަށް ޖެހެނީ ފުޅިއަކަށް 224 ޑޮލަރު ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ކުންފުނިން ގެނެސްފައި ވަނީ ބާ ފުޅިތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އިލިޔާސް ވިދާޅުވީ، 3128 އޮގްސިޖަން ފުޅި ގެނައުމުގެ ޕްރޮޖެކްޓް ޕްރޯބިޒް ކުންފުންޏާ ހަވާލު ކޮށްފައި ވަނީ، ޑީއެމްޑީގެ މެއިލް އަކުން އެންގި އެންގުމަކުންކަން އެނގެން އޮންނަ ކަމަށެވެ.
މީގެ އިތުރުން ޕްރޯބިޒް ކުންފުނީގެ ޝެއާ ހޯލްޑަރެއް، އަދި ޑިރެކްޓަރެއްގެ މަގާމުގައި ހުރި ދިވެއްސެއްގެ ހަރަދުގައި ޑީއެމްޑީ މީހަކު ގޮވައިގެން ސިންގަޕޫރަށް ދަތުރު ކޮށްފައިވާ ކަމަށާއި، އެކަމާބެހޭ ތަފްސީލުތައް ރާއްޖެއިންނާއި ސިންގަޕޫރުން ކަށަވަރު ކޮށްފައިވާ ކަމަށްވެސް އިލިޔާސް ވިދާޅުވިއެވެ.