އަނިޔާވެރި ގޮތަކަށް މަރާލި، ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ފޮރެންސިކްގެ އެހީގައި ފޯނަކުން މައުލޫމާތު ހޯދަން ސިންގަޕޫރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ޕްރޮގްރާމްގައި ރޭ ރައީސް ސޯލިހު ވިދާޅުވީ އަނަސްގެ މަރުގެ މައްސަލައިގައި ފޮރެންސިކް އެވިޑެންސްއަށް ފޯނަކުން މައުލޫމާތު ހޯދަން ސިންގަޕޫރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މައުލޫމާތު ލިބުމުން އަނަސްގެ މަރާ ގުޅޭ ފަހުގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ރިޔާސީ ކޮމިޝަނުން ނެރޭނެ ކަމަށެވެ.

"މިހާރު ގާތްގަނޑަކަށް މުޅިން ނިމިފައި އޮތް ކަމަށް އަޅުގަނޑަށް އަޕްޑޭޓް ލިބުނީ. ހަމައެކަނި ފޮރެންސިކް އެވިޑެންސަށް ބޭރަށް ފޮނުވަން ޖެހޭ އެންމެ އެއްޗެއް އެބައޮތް. އެ ފޮނުވުމުގެ މަސައްކަތް އެ ގެންދަނީ. އަޅުގަނޑު ހިތުން ފޯނެއް މި އުޅެނީ ފޮރެންސިކް އެވިޑެންސަށް ފޮނުވަން ޖެހޭ. އެހެންވީމަ އެ ފޯނު ފޮނުވައި ސިންގަޕޫރުން ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށް ފަހު އެންމެ ފަހުގެ ރިޕޯޓް އިރާދަކުރެއްވިއްޔާ އަނަސްގެ މަރާ ގުޅިގެން ކޮމިޝަނުން ނެރޭނެ،" ރައީސް ވިދާޅުވިއެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ކުޑަކުއްޖަކާއެކު ހަތް މީހަކަށް ދައުވާ އުފުލާފައިވެއެވެ. ނަމަވެސް ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ނިންމައިފައެވެ.

  • ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ
  • ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވި
  • ސިމާހު މޫސާ، ދަފްތަރު 1746
  • އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ
  • އުސްމާން ޝަރީފް، މ. ދިމިޝްގް
  • އަފްރާހް އަބްދުއް ރައްޒާގު، މ. ލޮނުމިދިލިގޭ

ސިމާހު މޫސާ އާއި ހަސަން މަހްފޫޒާއި މުހައްމަދު ޝާޒް އާއި ޖުނައިހު އަބްދުﷲ ގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެމީހުންގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ އަނަސް، ސައިކަލެއް މަތީ އިންދައި އެތަނަށް ހަތަރު ސައިކަލުގައި އައިއިރު އެ ހަތަރު މީހުން ވެސް އެ ސައިކަލްތައް ދުއްވަން ތިބީމައެވެ.

އުސްމާން ޝަރީފާއި އަހުމަދު ޒަޔާނާއި އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެމީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ލިޓަސް ސާވިސް ސެންޓަރު ތެރެއަށް އަނަސް ދުވެފައި ވަނުމުން އޭނާގެ ފަހަތުން ވަޅިތަކެއް ހިފައިގެން އެތަނަށް ވަދެ، ވަޅިން އޭނާއަށް ހަމަލާދީފައިވާތީއެވެ. އަދި އެ ހަމަލާތަކުގައި ލިބުނު އަނިޔާތަކުގެ ސަބަބުން އަނަސް މަރުވެފައިވާތީއެވެ.

އަނަސްއަށް ގްރޫޕަކުން ހަމަލާދީ މަރާލީ އޮޅުމަކުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް ވަރަށް އަނިޔާވެރިކޮށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް އުޅެނިކޮށެވެ.