މިދިޔަ 24 ގަޑިއިރު ތެރޭ 165 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 19،979 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 132 މީހަކާއި އަތޮޅުތެރެއިން 13 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 19 މީހެއް އަދި ސިނާއީ ރަށަކުން އެކަކެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަށުގައި އުޅުނު ނަމަވެސް، މިދިޔަ މަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 127 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 17،470 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2،605 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 186 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 62 މީހަކު ވަނީ މަރުވެފައެވެ. އެއީ 55 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު