ރ.ކަނދޮޅުދޫ ފީރޯޒުގެ މުހައްމަދު އަބްދުއްރަހްމާން ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވެރި ވާން ދިޔައީ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ފަހުން ކަމަށް ދައުލަތަށް ސާބިތު ކޮށްނުދެވުމުން އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި އެ ދައުވާ ކުރިިމިނަލް ކޯޓުން ބާތިލުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، މުހައްމަދު އަބްދުއްރަހްމާން ގެ މައްޗަށް ޕީޖީ އޮފީހުން ކުރިމިނަލް ކޯޓަށް ހުށަހެޅީ 2016 ޑިސެމްބަރު 21 ގައެވެ.

އެ މައްސަލަ ބަލައި، 5 އޯގަސްޓް 2018 ގައި ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، މުހައްމަދު އަބުދުއްރަހުމާން 2007 ވަނަ އަހަރުގެ މެދު ތެރޭގައި ޕާކިސްތާނުން ތައުލީމު ހާސިލް ކުރުމަށް ކަމަށްބުނެ، އެގައުމަށްގޮސް 2009 ވަނަ އަހަރު ޕާކިސްތާނުގެ ދެކުނު ވަޒަރިސްތާނުގައި ހުންނަ "ވާނާ" ކިޔާ ސަރަހައްދަކަށް ދިރިއުޅުން ބަދަލުކޮށް 2016 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް އޭނާ ޕާކިސްތާނުގެ "ވާނާ" ގައި ހަރަކާތްތެރިވަމުންދިޔަ ހަނގުރާމަވެރިންނާ ގުޅިގެން ޕާކިސްތާނުގައި ހަނގުރާމަ ކޮށްފައިވާތީކަމަށް ބަޔާންކޮށް، ހުށަހަޅާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި މުހައްމަދު އަބުދުއްރަހުމާން ދައުވާއަށް އިންކާރުކޮށްފައިވާތީ އާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދެވުނު ފުރުސަތުގައި މުހައްމަދު އަބުދުއްރަހުމާންގެ ފަރާތުން ފާހަގަކުރި ކަންކަމާ ގުޅިގެން ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ޝަރީއަތުން ބަލައި ނަޒަރުކުރިއިރު، ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށުނު ތާރީހު ކަމުގައިވާ (28 އޮކްޓޫބަރު 2015) ގެ ކުރިން އެއްވެސް ގާނޫނެއްގައި ކަނޑައެޅިފައި ނުވާކަން ކަމާ ގުޅުންހުރި ގާނޫނުތަކަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރީގެ ހާދިސާއަކާ ގުޅުވައިގެން އެ ގާނޫނުގެ ދަށުން އެއްވެސް މީހަކަށް އަދަބެއް ދިނުމަކީ ގާނޫނުއަސާސީގެ 59 ވަނަ މާއްދާ އާއި 61 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

"މުހައްމަދު އަބްދުއްރަހުމާންގެ މައްޗަށް ދައުވާ ކޮށްފައިވާ އަމަލު 28 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ފަހުގެ ތާރީހެއްގައި ކޮށްފައިވާކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާ ހެކި ގަރީނާ އަކީ ކޮބައިތޯ ދައުލަތާ ސުވާލު ކުރުމުން، އެކަން ސާބިތު ވަނީ މައްސަލައިގައި ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓްތަކުން ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވާތީ އެ ރިޕޯޓް ތަކަށާއި އެނޫންވެސް ޝަރީއަތަށް ހުށަހެޅިފައި ހުރި އެންމެހައި ލިޔެކިއުންތަކަށް ޝަރީއަތުން ބެލިއިރު، ދައުވާގައި ބުނެފައިވާ ޕާކިސްތާނުގެ ވަޒަރިސްތާނުގައި ހުންނަ "ވާނާ" ކިޔާ ސަރަހައްދުގައި ހިނގާ ހަނގުރާމައެއްގައި 28 އޮކްޓޫބަރު 2015ގެ ފަހުން މުހައްމަދު އަބްދުއްރަހުމާން ބައިވެރިވިކަމަށް ބުނާ އެއްވެސް މައުލުމާތެއް ހިމެނިފައި ނެތަތީ އާއި އަބްދުއްރަހުމާންގެ މައްޗަށް މި ދައުވާ ކޮށްފައިވާ ސަބަބުތަކުގެ ގޮތުގައި ދައުލަތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނޭ، އަބްދުއްރަހުމާންގެ ކައިވެންޏާ ގުޅޭ ކަންކަމާއި ވަކި ބަޔަކާ ގުޅުން އޮންނަ ކަމާއި ހަނގުރާމަވެރި ހަމަލާއެއްގެ އަސަރުތަކެއް އަބްދުއްރަހުމާންގެ ހަށިގަނޑުން ފެނިފައިވާ ކަމަށް ބުނެ ފާހަގަ ކުރި ކަންކަމަކީ، މަދަނީ މިންގަނޑުން މި ބާވަތުގެ މައްސަލައެއް ކުރިއަށް ގެންދިއުމަށް ނިންމުމުގައި ޝަރީއަތަށް ބުރަވެވިދާނެ ކަންތައްތަކެއް ނަމަވެސް އެ އެންމެހާ ކަމަކީ، 28 އޮކްޓޫބަރު 2015 ގެ ފަހުން ހިނގައިދިޔަ ކަންތައްތަކެއްކަން އެނގޭ ފަދަ ލިޔުމެއް، ދައުލަތުން، އެ މައްސަލައާއެކު ކޯޓަށް ހުށަހަޅާފައި ނުވާތީ، މުހައްމަދު އަބްދުއްރަހުމާންގެ މައްޗަށް މި ދައުވާ ކުރެވޭނެ ތަނެއް ނެތްކަމަށް މަދަނީ މިންގަނޑުން ބެލުމުން ޝަރީއަތަށް ގަބޫލު ކުރެވިފައިވާތީ އަބްދުއްރަހުމާންގެ މައްޗަށް އެ ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދައުވާ ބާތިލްކުރީ،" ކަމަށް ވެސް ހުކުމްގައި ވެއެވެ.

މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބަލައި، އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.