ގާސިމް އިބްރާހިމް

މަލީހުގެ މައްސަލައިގައި ގާސިމްގެ ނުރުހުން: ކަންކަން ކުރެވޭނީ ވަސީލަތާއި އިހުތިޔާރު ލިބި ފައިސާވެސް ހުރެގެން

1

މަގާމެއްގައި އަދި މީހަކު ހުއްޓަސް ކަންކަން ނުކުރެވޭނެ ކަމަށާއި ކަންކަން ވާނީ އެކަންކަން ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އިހުތިޔާރާއި އެކު ފައިސާވެސް ލިބިގެން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ، ޖޭޕީގެ ސްލޮޓެއްގައި ކޮމިޔުނިކޭޝަން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލު ގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވާތީ އެކަމާ ގުޅޭ ގޮތުން "ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ގާސިމް ވިދާޅުވީ މިދިޔަ ދޮޅު އަހަރު ދުވަހަކީ މުޅި ދުނިޔެވެސް އިގުތިސޯދީ ބޮޑު އަޑިގަނޑެއްގައި އޮތް ދޮޅު އަހަރު ކަމަށާއި މާލީ ގޮތުން ދިވެހި ރާއްޖެ ވެސް އޮތީ ވަރަށް ދަތި ހާލުގައި ކަމަށެވެ. ކަންކަން ބާރު ސްޕީޑުގައި ކުރިޔަށް ގެންދެވޭނީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ފައިސާވެސް ހުރެގެން ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ދިވެހި ދައުލަތުގައި މިދުވަސް ވަރު އެވަރުގެ ތަނަވަސްކަމެއް ނެތް ކަމަށެވެ.

"މުޅި ދުނިޔޭގެ ކަންކަންވެސް މިހުރީ ހުއްޓިފަ، މަލީހަކީ ކުރެއްވޭނެ ބޭފުޅެއް، ތައުލީމީ ގާބިލުކަން ހުރި ބޭފުޅެއް. އެކަމަކު ކަންކަން ވާނީ ވަސީލަތް ހުރެގެން، މަޝްރަހުވެސް އޮވެގެން އަދި ގައިޑްލައިނާ އެކު ފައިސާވެސް ހުރެގެން. ފައިސާ ހަމަޖެހި އެ ފުރުސަތުތައް ފަހިކޮށްދީފައި ހުރީ ކިހާ ވަރަކަށް ކަމެއް އަޅުގަނޑަކަށް ނޭނގެ. އެކަންކަން ފަހިކޮށްދިން މިންވަރެއް އެނގޭނީ ސަރުކާރަށް އަދި ފިނޭންސް މިނިސްޓްރީއަށް." ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުން ދައްކަވަނީ ކޮންމެވެސް ގަވައިދެއްގެ ވާހަކަ ކަމަށާއި އެއީ ކޮން ވާހަކައެއްކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގެން އެމަނިކުފާނު ކުރައްވާ ކަމެއް ނޫންކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިގެން ކުރާ ކަމެއް ކަމަށެވެ.

ގާސިމް ވިދާޅުވީ މީގެ ކުރީން ޖޭޕީގެ ސްލޮޓުގައި ތިއްބެވި ދެ ވަޒީރަކު މަގާމުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި އިރު، އެ ދެފަހަރު ވެސް ރައީސުލް ޖުމްހޫރިއްޔާ އެކަމާ މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީ އަނެއްކާވެސް ދެއްވީ ޖޭޕީއަށް ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން ރައީސް ބޭނުންފުޅުވި ނަސީމަކީ އެކަމަށް ގާބިލު އަދި ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް ވާތީ އެކަމަށް ތާއީދު ކުރެއްވީ ކަމަށެވެ.

"މިފަހަރު މީ ރައީސްގެ ފަރާތުން އިޝާރާތެއް އައިސްގެން ކުރާ ކަމެއް ނޫން. މިއީ މަޖިލީހަށް ފެނިގެން ކުރާ ކަމެއް، ޒާތީ ކަމެއް އޮވެގެން ކުރާ ކަމެކޭވެސް ބުނެވޭކަށް ނެތް. އެއީ ސީދާ އެފަދަ ގޮތަކަށް ފެންނާން ނެތީމަ އެހެނެއް ނުބުނެވޭނެ." ގާސިމް ވިދާޅުވި އެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އިރު މި ކަމުގައި ޖޭޕީން ވަކި ގޮތެއް ނިންމާފައި ވާނެތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި އަދި ނިންމިޔަސް، މި މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީން ކަމަށް ވާތީ، ފާސް ކުރާން ބޭނުންވާ ސާފު އަގުލަބިއްޔަތުވެސް އެބޭފުޅުންނަށް އެބަ އޮތް ކަމަށެވެ.