އަންނަ އަހަރު އަތޮޅު ތެރެއަށް ހާއްސަކޮށްގެން 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއުތަކެއް ހިންގުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އަތޮޅު ތެރެއަށާއި މާލެ ސަރަހައްދަށް ހައުސިން ޕްރޮޖެކްޓްތައް ހިންގުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރު އަތޮޅު ތެރެއަށް ހާއްސަކޮށްގެން 1.5 ބިލިއަން ރުފިޔާގެ ހައުސިން ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

"މަޝްވަރާ ކުރެވެމުން މިދަނީ 2022 އަހަރު އަތޮޅު ތެރެއަށް ހާއްސަކޮށްގެން 1.5 ބިލިއަން ރުފިޔާގެ ހައުސިން ޕްރޮގްރާމްތަކެއް ހިންގުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ހައުސިން މަޝްރޫއުތައް ހިންގަން ފަސޭހަވާނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައިވާ ރަށްތަކުގައި ކަމަށާއި އެގޮތުން މިއަހަރު ފެނާއި ނަރުދަމާގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ގިނަ ރަށްތަކުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުން ހައުސިން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއަހަރުގެ ދެ ވަނަ ކުއާޓަރު ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ބޯހިޔާވަހިކަމަށް ހާއްސަކޮށް ލުއި ލޯނުތަކެއް ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް އުޅޭނީ ހަ ޕަސެންޓާއި ހަތް ޕަސެންޓާ ދެމެދުގައި ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ޕްލޭނެއް އެބައޮތް ކަމަށާއި އަންނަ އަހަރު ވެގެންދާނީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ވަރަށް ބޮޑު އިސްކަމެއްދޭނެ އަހަރެއް ކަމަށެވެ.

ރައީސް ވިދާޅުވީ އަތޮޅުތެރޭގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތްތައް މިއަހަރު މެދު ތެރޭގައި ފެށޭނެ ކަމަށާއި އަދި އަމަލީ މަސައްކަތް މި އަންނަ އަހަރު ވަރަށް ބޮޑުކޮށް ފެނިގެންދާނެ ކަމަށެވެ.