ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ ހިލާފަށް ހިންގާ ތަންތަން 24 ގަޑިއިރަށް ބަންދު ކުރަން ނިންމައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންތަކަށް އާންމު ހިދުމަތްދޭ ތަންތަނުން އަމަލުކުރޭތޯ ބެލުމަށް ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގައި އަމަލުކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މީގެ ކުރިން އޮންނަ ގޮތުންނަމަ ގައިޑްލައިނާ ހިލާފުވާ ތިން ވަނަ ފަހަރު ޖޫރިމަނާ ކުރާނެ ކަމަށާއި ނަމަވެސް މިހާރު ނިންމާފައިވަނީ ޖޫރިމަނާ ނުކޮށް 24 ގަޑިއިރަށް އެތަނެއް ބަންދުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން އުސޫލުގައިވާ ގޮތުން ގައިޑްލައިނާ ހިލާފުވާ ފުރަތަމަ ފަހަރަށްނަމަ ޖޫރިމަނާއަކީ 5000 ރުފިޔާ އެވެ. އަދި ދެވަނަ ފަހަރު ނަމަ 25،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާއިރު، ތިންވަނަ ފަހަރަށް ޖޫރިމަނާ ކުރަނީ 50،000 ރުފިޔާއިންނެވެ. ހަތަރުވަނަ ފަހަރުގެ ޖޫރިމަނާއަކީ 75،000 ރުފިޔާ އެވެ. ފަސްވަނަ ފަހަރު ޖޫރިމަނާ ކުރާނީ އެއްލައްކަ ރުފިޔާއިންނެވެ.
"މިހާރު ތިން ވަނަ މަރުހަލާގައި ގައިޑްލައިނާ ހިލާފުވާ ފަރާތްތައް 24 ގަޑިއިރަށް ބަންދުކުރާ ގޮތަށް މިއޮތީ" ނާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އާންމު ހިދުމަތް ދޭ ގިނަ ތަންތަނުގައި މާސްކު ނާޅައި އުޅޭކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ ފަރާތްތަކަށް ވަކިވަކިން ފިޔަވަޅު އަޅާނެ ކަމަށެވެ.
"މާސްކް ނާޅައިގެން އަޅުގަނޑުމެން ތަން ބަންދެއް ނުކުރާނަން. ނަމަވެސް މާސްކު ނާޅައި އުޅޭ އިންޑިވިޖުއަލް މީހާއަށް އަޅުގަނޑުމެން ފިޔަވަޅު އަޅާނަން" ނާސިރު ވިދާޅުވިއެވެ.
އެޗްއީއޯސީން މީގެ ކުރިން ބުނީ، މާސް އިންސްޕެކްޝަންގައި މިއަހަރުގެ މިހާތަނަށް 568 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އެއީ ކާބޯތަކެތީގެ ހިދުމަތް ދޭ 198 ތަނަކާއި ހަތަރު މާރުކޭޓާއި ދިހަ ސެލޫނާއި 12 ޖިމް އަދި 344 ކަންމަތީ ފިހާރައެވެ. އޭގެ ތެރެއިން 288 ތަނަކަށް ވައިޓް ނޯޓިސް އަދި 37 ތަނަކަށް ރެޑް ނޯޓިސް ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު