މާލޭ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 20 އަހަރުން މަތީގެ މީހުންނަށް މާދަމާ ކޮވިޑު ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 20 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހައިދޭނެ ކަމަށެވެ. މިހާރު ޖަހައިދެނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގައި 105،492 މީހަކު ވަނީ ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައެވެ. އެއީ މާލެއިން 72،872 މީހަކު، އަތޮޅުތެރެއިން 32،620 މީހަކު އަދި ރިސޯޓުތަކުން 3،170 މީހެކެވެ.

މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.

ރާއްޖޭގައި ޖަހަމުންދަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.

އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒުގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒުގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެ ކަމަށް ބުނި ނަމަވެސް އެ ވެކްސިން އަދި ލިބިފައެއް ނުވެ އެވެ.